ސަލްމާންގެ އަންތިމްގެ ލަވައަކަށް ވަރުން

ސަލްމާން ޚާން މިހާރު ޝޫޓް ކުރަމުންދާ “އަންތިމް: ދަ ފައިނަލް ޓްރުތު” އިން އިތުރު އޭ-ލިސްޓު އެކްޓަރަކަށް ފުރުސަތުދީފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

‘ޕިންކްވިލާ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، “އަންތިމް” ގެ ޙާއްސަ ލަވައަކަށް ނަގާފައިވަނީ ޒުވާން އެކްޓަރު ވަރުން ދަވަން އެވެ. ވަރުން އާއެކު މި ލަވައިގައި ސަލްމާން ވެސް ނަށާނެ ކަމަށާއި، ފިލްމުގެ އަނެއް ތަރި އާޔޫޝް ޝަރްމާވެސް ފެނިގެންދާނެ ކަމަށް ބނެއެވެ. އަދި މި ލަވައިގެ ޝޫޓިންގ މި ހަފްތާބަންދު ތެރޭގައި މުމްބާއީގެ ސްޓޫޑިއޯއެއްގައި ކުރިއަށްދާނެ އެވެ. އެ ފިލްމު ހަދާ ފަރާތްތަކާ ހަވާލާދީ ‘ޕިންކްވިލާ’ ގައި ލިޔެފައިވާ ގޮތުގައި، ސަލްމާނާއި ވަރުން އަކީ ވަރަށް ގާތް ދެމީހުންނަށް ވުމުން، ވަރުން އެ ލަވައަށް ނެގުމަށް ގުޅައިލުމުން އޭނާ ވަނީ ވަގުތުން އެއްބަސް ވެފައެވެ.

2019 ވަނަ އަހަރު ނުކުތް ސަލްމާންގެ “ބާރަތު” ފިލްމުގެ ލަވައެއްގައި ވެސް ވަރުން ވަނީ ކެމިއޯ ރޯލެއް ކުޅެފައެވެ. ނަމަވެސް ފަހުވަގުތު ފިލްމު އެޑިޓްކޮށް ނިމުނުނުއިރު އެ ލަވަ ވަނީ އުނިވެފައެވެ. ވަރުން ވަނީ ދާދިފަހުން “ބާރަތު” ގެ ޝޫޓންގެ ތެރެއިން ސަލްމާނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ.

“އަންތިމް” އަކީ ކާމިޔާބު މަރާޓީ ފިލްމު “މުލްޝި ޕެޓާން” ގެ ހިންދީ ރިމޭކެކެވެ. މި ފިލްމުގައި ސަލްމާން ކުޅޭނީ ސިކް ފުލުހެއްގެ ރޯލެވެ. އަދި ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރްމާއަކީ ގޭންގްސްޓާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!