އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި އިހްތިޖާޖްގެ ތެރެއިން ހައްޔަރުކުރި އެންމެން މިއަދު ދޫކޮށްލައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ އިދިކޮޅު ފަރާތްތަކުން ކުރި އިހްތިޖާޖްގެ ތެރެއިން ފަސް މީހަކު އިއްޔެ ހައްޔަރުކުރިއެވެ.
ފުލުހުން ބުނީ އެމީހުން މިއަދު ކޯޓަށް ނުގެންގޮސް ދޫކޮށްލީ ބަންދުގައި ބައިތިއްބަންޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ. ނަމަވެސް އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށް ފުލުހުން ބުންޏެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް ކުރާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް އިއްޔެ ވަނީ ކުރިއަށް ގޮސްފައެވެ.