އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރެއްވީ ބައިޑެން: ކޮންގްރެސް

ކުރިއަށް އޮތް ރިޔާސީ ދައުރުގައި އެމެރިކާގެ ރައީސްކަން ކުރައްވާނީ ޖޯ ބައިޑަންކަމަށާއި ނައިބު ރައީސްކަން ކުރައްވާނީ ކަމާލާ ހެރިސްކަމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ ޤާނޫނު އަސާސީގައި ބުނާ ގޮތުން އިލެކްޓޯރަލް ކޮލެޖުން ހުށަހަޅާފައިވާ ވޯޓު ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ގުނާ ކަށަވަރުކުރަންޖެހެއެވެ. ވެރިކަމަށް އައުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، ބައިޑަންއަށް ލިބިވަޑައިގެންފައިވަނީ 306 ވޯޓެވެ. ޓްރަންޕަށް ލިބިވަޑައިގެންފައިވަނީ 232 ވޯޓެވެ. މިދިޔަ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު މަރުހަލާ ޤާނޫނުހަދާ މަޖިލީހުން ފުރިހަމަކުރުމާއިއެކު، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަންޕު އިންތިޚާބުގެ ނަތީޖާ ބަލައިގެންނެވުމަށް ދެކޮޅުހެއްދެވި ނަމަވެސް، ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި ރައީސްކަމުގެ ހުވާ ބައިޑަން ކުރައްވާނެކަންވަނީ ޔަޤީންވެފައެވެ.

އެމެރިކާގެ ރައީސްދަނީ އިންތިޚާބުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށާއި އިންތިޚާބު ވަގަށް ނަގައިފައިވާކަމަށް ތަކުރާރުކޮށް ތުހުމަތުކުރައްވަމުންނެވެ. މީގެ ކުރިންވެސް އިންތިޚާބުގެ ނަތީޖާއަށް ގޮންޖައްސަވައި ޤާނޫނީ ގިނަ މައްސަލަތަކެއް ހުށަހަޅުއްވާފައިވާ ޓްރަންޕުވަނީ އިންތިޚާބު އޮޅުވާލާފައިވާކަމުގެ ހެކި ދެއްކުމުގައި ނާކާމިޔާބުވެ ވަޑައިގެންފައެވެ. ވޯޓުގެ މަރުހަލާއާއިމެދު އޮތް ހިތްހަމަނުޖެހުން ފައުޅުކުރުމަށް ކެޕިޓޮލް ބިލްޑިންގ ދޮށަށް އެއްވުމަށް ރައީސް ޓްރަންޕުގެ ސަޕޯޓަރުންނަށް ގޮވައިލެއްވުމުން، އިންތިޚާބުގެ ނަތީޖާ ސާޓިފައިކުރުމުގެ މަސައްކަތްކުރުމަށް ޤާނޫނުހަދާ މަޖިލީހުގައި ބާއްވާ ބައްދަލުވުން ފެށެނިކޮށް ގިނަ ޢަދަދެއްގެ މީހުންވަނީ އެ އިމާރާތަށް ވަދެ ހަމަނުޖެހުންތައް އުފައްދާފައެވެ. އެ ހާދިޘާގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެ ހަތަރު މީހުންވަނީ މަރުވެފައެވެ.

ކެޕިޓޮލް ބިލްޑިންގަށް ދިން ޙަމަލާތަކަށްފަހު ރައްކާތެރި ޙާލަތަށް އެ އިމާރާތް ގެނައުމުން މަޖިލީހުގެ މެންބަރުންވަނީ އިލެކްޓޯރަލް ވޯޓު ގުނުމުގެ މަސައްކަތް އަލުން ފަށައިފައެވެ. ޓްރަންޕަށް ވަފާތެރި ޤާނޫނުހަދާ މަޖިލީސް މެންބަރުން މީގެ ކުރިން ރާވަމުންދިޔައީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބުގެ ނަތީޖާއާއިގުޅޭ ބައްދަލުވުމުގައި އެރިޒޯނާ، ޖޯޖިއާ، ޕެންސިލްވޭނުއާ، މިޝިގަން އަދި ވިސްކޮންސިންގެ ނަތީޖާއަށް ދެކޮޅުހެދުމަށެވެ. ނަމަވެސް ކުރިން ރާވާފައި އޮތް ގޮތާއި ޚިލާފަށް، އިމާރާތުގައި ހިންގި ހާދިޘާއަށްފަހު އެ ފަރާތްތަކުންވަނީ ސްޓޭޓުތަކުގެ ނަތީޖާއާއިގުޅޭގޮތުން ދިގު ބަހުޘްތައްކުރުމަށް ބޭނުންވާ މަރުހަލާތައް ނުފެށުމަށް ނިންމައިފައެވެ. އެރިޒޯނާއާއި ޕެންސިލްވޭނިއާގެ ނަތީޖާއާމެދު ބައްދަލުވުމުގައި ސުވާލުއުފައްދާފައިވާ ނަމަވެސް މެންބަރުން ވޯޓު ދީފައިވަނީ އެ ޝަކުވާތައް ބަލައިނުގަތުމަށެވެ.

އިލެކްޓޯރަލް ސާޓިފިކޭޝަންއާއި ގުޅޭ ގޮތުން ޓްރަންޕު ނެރުއްވި ބަޔާނެއްގައިވަނީ އިންތިޚާބުގެ ނަތީޖާއާއިމެދު އެމަނިކުފާނު އެއްބަސް ނުވާނަމަވެސް، ޖަނަވަރީ 20ވަނަ ދުވަހުގައި ޞުލްޙަވެރިކަމާއިއެކު ވެރިކަން ޙަވާލުކުރައްވާނެކަމަށް ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!