އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު “ބައްޗަން ޕާންޑޭ” ގެ ޝޫޓިންގ އިއްޔެ ފެށުމާއެކު، ޝޫޓިންގައި އަކްޝޭ ބައިވެރިވުމަށްފަހު އޭނާގެ ކެރެކްޓާއަށް ބަދަލުވެ ނަގާފައިވާ ފޮޓޯއެއް ވައިރަލްވެއްޖެއެވެ.
އަކްޝޭ ކުމާރާއި ބަތަލާ ކްރިތީ ސެނޮން ލީޑު ރޯލު ކުޅޭ މި ފިލްމަކީ ސާޖިދު ނަދިއަދްވާލާ އުފައްދައި، ފަރްހާދް ސަމްޖީ ޑައިރެކްޓުކުރާ ފިލްމެކެވެ. މީގެ ޕޯސްޓަރެއް މީގެކުރިން ދައްކައިލުމުން އަކްޝޭގެ ފޭނުންގެ މެދުގައި ވަނީ ތަފާތު ޝުއޫރުތައް އުފެދިފައެވެ. އެއީ އޭގައި އަކްޝޭ ކުޅޭ ކެރެކްޓާއަކީ، މީގެކުރިން ކުޅެފައިވާ ފިލްމުތަކުގައި ނުފެންނަ ކަހަލަ ކެރެކްޓާއަކަށް ވާތީއެވެ. އެގޮތުން “ބައްޗަން ޕާންޑޭ” ގައި އަކްޝޭ ކުޅެނީ ގޭންގްސްޓާއެއްގެ ރޯލު ކަމަށް ފިލްމު ހަދާ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
އަދި މިހާރު ވައިރަލްވެގެން އުޅޭ ފޮޓޯގައި ވެސް އަކްޝޭ ފެންނަނީ ނުބައިބައި ވިލަން އެއްގެ ގޮތުގައެވެ. ކުރިން ދައްކައިލި ޓީޒާ ފޮޓޯގައި ވާހެން، ޝޫޓިންގެ ތެރެއިން ނެގި ފޮޓޯއިން ވެސް ފެންނަނީ ރަތްކުލައިގެ ފޮތިގަނޑެއް ބޮލުގައި އައްސައިގެން ކަރުގައި ޗޭނުތަކެއް އަޅާފައި ހުއްޓައެވެ. އަދި އެއްލޮލަށް ހުދުކުލައިގެ ލެންސް ލައްވާފައިވެއެވެ.
“ބައްޗަން ޕާންޑޭ” މި އަހަރު ތެރޭގައ ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.