އިންތިޚާބު ބާއްވަން އަނެއްކާވެސް އިތުރު ތާރީޚެއް!

މި މަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސް އަމަލު ކުރަން ފެށިއްޖެ ނަމަ ރޯދަ މަހުގެ ކުރިން، ލޯކަލް ކައުންސިލް އިންތިހާބް ބޭއްވި ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އޭޕްރީލް މަހުގައި ބާއްވަން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބޭއްވުމަށް ކުރިމަތިވި ހުރަސްތަކަށްފަހު ދެން އިންތިޚާބު ބޭއްބޭނީ ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް އިސްލާޙުތަކެއް ގެނެސްގެން ކަމަށްވާތީ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތަކުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ޤާނޫނަށް ގެންނަން އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ މައިގަނޑު އިސްލާޙުތައް

  • އެއް އަހަރުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭކަމަށް އޮތުމުގެ ބަދަލުގައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން
  • ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގެ 2ވަނަ މާއްދާއަށް އަކުރެއް އިތުރުކުން، އެއީ ޚާއްސަ ޙާލަތެއް މެދުވެރިވެފައިވާތީ އިޖުރާޢަތްތައް ކަނޑައެޅުމައްޓަކައި އޮންނަ މުއްދަތުތައް، ކުރުކޮށްލުމުގެ އިޚްތިޔާރު.
  • ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު ނެތްކަމަށް އިޢުލާން ނުކުރާނަމަ އެޗްޕީއޭގެ ގައިޑްލައިންތަކަށް ރިއާޔަތްކޮށްގެން އިންތިޚާބު ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް އޮތުން.

އަންނަ ފެބުރުއަރީ މަހުގެ 4ވަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ހަމަޖެހިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ބޭނުންވާ ބަދަލުތަށް ޤާނޫނަށް ގެނެވޭނީ ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުން މުހިއްމުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވަނީ ވިދާޅުވެފައެވެ. އަދި އެކަމާގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ގުޅުއްވައި މަޝްވަރާވެސްވަނީ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޤާނޫނަށް ގެންނަ އިސްލާޙްތައް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ، އެބިލް ތަސްދީގުކޮށް ޤާނުނަށް އަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާނެކަމަށާ، އެކަމަށް މިހާރުވެސް ބޮޑެތި ތައްޔާރީތަކެއް ވެފައިވާކަމަށެވެ.

އެއާއެކު އިންތިޚާބު ދެން ބާއްވާނެ ތާރީޚަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އޭޕްރީލް މަހުގެ 3ވަނަ ދުވަހު އިންތިޚާބު ބާއްވަން ވާހަކަދެކެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

“ނުރަސްމީ މަޝްވަރާއެއްގައި 3 އޭޕްރީލްގައި އިންތިޚާބު ބާއްވާފައި އަދި ދެވަނަ ބުރު 24 އޭޕްރީލްގައި އެއީ ރޯދަމަހުގެ ތެރޭގައި ބާއްވަން އަޅުގަނޑުމެން މިއަދު މަޝްވަރާކުރީ. އެެހެންވީމަ ޖެނުއަރީ މަސް ނިމުމުގެ ކުރިން ޤާނޫނަށް ގެންނަ އިސްލާޙުތަކަށް އަމަލުކުރަން ފެށިގެން ރޯދަމަސް ކުރިން އަޅުގަނޑުމެންނަށް އިންތިޚާބު ބޭއްވޭނީ” ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ސްކޫލްތައް ފެށުމާއި ޓޫރިސްޓް ގެސްޓްހައުސްތައްވެސް ހުޅުވިގެން ދިއުމާއެކު ބަލި ފެތުރުމުގެ ފުރުސަތުއޮތްކަން ކަމާގުޅުންހުރި އިދާރާތަކުން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޚާބުގެ ކަންކަން އިންތިޒާމުކުރުމަށް ތަފާތު ގޮންޖެހުންތަކެއްވެސް ހުރިކަމަށެވެ. އެގޮތުން ސްކޫލް ދުވަސްވަރު އިންތިޚާބު ބާއްވާނަމަ ރާއްޖޭހެ ހުރިހާ ސްކޫލްތައް ޑިސްއިންފެކްޓްކުރަން ޖެހޭކަމަށާއި އެކަމަށް 3 މިލިޔަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާނެކަމަށެވެ.

އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގައި އިންތިޚާބަށް ކުރިން ކުރިމަތިލާފައިވާ ފަރާތްތައް ނޫން އެހެން ބަޔަކަށް ކުރިމަތިނުލެވޭތީ ޤާނޫނުގެ އެބައި އުވާލުމަށް އަމިއްލަ ފަރާތަކުން ވަނީ ހައިކޯޓަށް ހުށައަޅާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!