ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


“ކޮންކަމަކު މާ ހެނދުނަކާ ތި އައީ؟ ކަމެއް ނެތިއްޔާ މިހާރު ޖައްސާ ވެސް ނުލާވިއްޔާ.” ތަށްޓަށް ރިހަފޮދެއް އަޅަމުން، ޝަކީބު އަހައިލިއެވެ.

“މިހާރު ދެން ވާނީ ވެސް އެ ކަހަލަ ގޮތެއްނު. ރަޝްފާ ވިހޭފަހުން އަދި މި ވީ ބަރާބަރު ދިހަ ދުވަސް. ގޭތެރޭގެ ގިނަ މަސައްކަތް މި ކުރަނީ އަހަރެން. ރަޝްފާ ގަދަވާންދެން އުޅެވޭނީ މި ކަހަލަ ގޮތަކަށް. އެހެންވެ ހަމަ ނާދެވެނީ.” ސައިކޯވަރެއް ބޮއިލުމަށްފަހު، ތަށި ބަހައްޓަމުން ނަޒީފު ބުންޏެވެ.

“އަދި އެކަކާ އިންނަންވީނު. އޭރުން އެކަކު ވިހޭމާ އަނެކަކު ހުންނާނެއެއްނު އެހީވާން!”

“އެހެން މީހުންގެ ގާތުގައި މީހުންނާ އިންނަން ބުނާއިރު، ތިމާ މީހާ މުސްކުޅިވާކަން އެނގޭތަ؟”

“އާނ! އިންނާނެ މީހުންވާ މީހުންގެ ގާތުގައިތާ ކިޔޭނީ. އަހަރެން މި އުޅެނީ، މީހަކު ހުތްފެލައިލާފައި އެއްލައިލައި ތޮށިގަނޑެއް ވެސް ނުލިބިގެންވިއްޔަ.”

“ނުލިބިގެނެއް ނޫން. ހުތްފެލައިލުން ކީއްކުރަން. މީހަކު އަތް ވެސް ޖައްސާނުލައި އޮތް ލުބޮއެއް އަތަށް އެރީމާ ވެސް އެއްލާލައިފައި ދިޔައީ. ދެން ކޮން ވާހަކައެއް.” ނަޒީފު ވެސް ދޫކުރާކަށް ނޫޅެއެވެ. “އޭތް ކީއްވެގެންތަ އެ ސުނީތާ ދޫކޮށްލީ؟ ކިހައި ރަނގަޅު ކުއްޖެއް އެއީ. ނުލާހިކު މަޑުމައިތިރި، އުޅުން ރީތި ކުއްޖެއް. އަނެއްކާ އެ އާއިލާއަކީ ވެސް ނުލާހިކު ފޯރުންތެރި ރަނގަޅު އާއިލާއެއްނު.”

“ބަލަ ނަޒީފަށް ކިތަންމެ ރަނގަޅަސް މަށަށް ކަމުނުދާ ސިފައެއް ހުރެދާނެތާ!”

“ކޮންސިފައެއް؟ ފަސްމީރު ކުރިރުކެއް ހޯދަން ދޯ ތި އުޅެނީ. ނުވާނެ ތިޔަކަމެއް!”

“އާނ މިހާރު ތި މާމައްޗަށް ދަނީ. އަހަރެން މީހަކާ އިންނަން ވީމާ، ހެކިވެރިންއަކަށް ފޮނުވާނީ ނަޒީފު. މައްސަލައެއް ނެތެއްނު. ދެން ތި ވާހަކަ ހުއްޓާލާފައި ނިކަން ބުނެބަލަ! ކޮންކަމަކު ތިޔަ އައީ؟”

“މިއަދު މި އުޅެނީ ދަރިފުޅަށް ނަންކިޔަން ކަމަށް. އެހެންވެ ޝަކީބު ބަލާ މި އައީ.”

“އަނެއްކާ އަނެއް ހަ ކަންތައް. މަށަކީ ކުދިންނަށް ނަންކިޔަމުން ދުވާ މީހެއް ނޫނެއްނު!” ޝަކީބު ހިނިގަނޑެއް ޖަހައިލިއެވެ.

“މައްސަލައެއް ނެތޭ! އެކަހަލަ ފުރުސަތެއް ލިބޭތޯ ދުވަމެއްނު.”

“ތި ވާހަކައެއް ނޫނޭ. ދަރިއަކު ލިބުނު ދުވަހުން ފެށިގެން ކޮންފޮތިގަނޑެއްތަ އިނގިލީގައި ބަނދެގެން ތި އުޅެނީ؟ އަނެއްކާ ނަދުރެއް ފުއްދަނީތަ؟” ނަޒީފުގެ އިނގިލީގައި އައްސާފައި އޮތް ފޮތިގަނޑު ފެނިފައި ޝަކީބު އަހައިލިއެވެ.

“މި އިނގިލި ރަނގަޅު ނުވެގެން މި އުޅެނީ.  ކޮންމެ ދުވަހަކު  ވެސް ކޮންމެވެސް ތަނެއްގައި ޖެހިގެން އެބަ ގެއްލުމެއް ލިބޭ. އަނެއްކާ ދަންވަރު މި އިނގިއްޔަކުން ދިލަ ނަގައިގަނެގެން ނުހޭލެވޭ އެއް ރޭ ވެސް ނާދޭ. ހޭލެވޭއިރު ފޮތިގަނޑު ވެސް އޮންނަނީ މޮހިފައި.” ނަޒީފު ކިޔައިދިނެވެ.

“އެކަމަކު ބޮޑު ފޮތިގަނޑެއް ބަނދެގެން ވިއްޔަ ތި އުޅެނީ ވެސް.”

“ފޮތިގަނޑެއްނު ބަންނާނީ. ބޭހެއް އަޅާވަރުގެ ބޮޑު ތަނެއް ނޫނިއްޔަ. އެކަމަކު އެބަ ހިތަށް އަރާ ބޭސް އަޅަން ވެސް. އެ ތަންކޮޅު ހައްތާ ބޮޑުވަމުން އަންނަނީ.”

“ނޫނޭ! ބޭސް އަޅާނެކަމެއް ނެތް. އަތުން ފައިސާ ފޮއްޗެއް ގެއްލިދާނެ. ދަހިކަމުން ގޮސް ލަގޮނޑީގައި ނާށިލާފައޭ ތި ހުންނަނީ.”

“ހޫނ! ދެން ބޭކާރު ވާހަކަތައް ގިނަނުކޮށް އަވަސްކޮށްގެން ހިނގާ! މިހާރު ކިހައި އިރެއް އައިސް އުޅޭތާ!” ނަޒީފު ސައިތަށި ހުސްކޮށްލައިފިއެވެ.

“ރަޝްފާ ހުންނާނީ ލަސްވެފައި ދޯ!”

“އާނ! ލަސްވެގެން އުޅޭނީ.”

“ކޮންނަމެއްތަ ދަރިފުޅަށް ކިޔަން ތިޔަ އުޅެނީ؟” ކާގެއިން ނުކުންނަމުން ޝަކީބު އަހައިލިއެވެ.

“ނާޖީ. ރަޝްފާއަށް މާ ރީތިވެގެން އުޅޭ ނަމެއް އެއީ.”

“ނާޖީއޭ؟ ހާޖީ ކިޔަސް މާ ރީތިވާނެ”

“ޔަގީން ޝަކީބަށް ވެސް ރީތި ވީކަން”

ފުރަތަމަ ދަރިފުޅު ކަމަށް ވިޔަސް، އަތްމަތި ދަތިކަމާ ހުރެ، ދަރިފުޅަށް ނަންކިޔުމުގެ ކަންތައް ނަޒީފު ކުރުމަށް ގަސްދުކުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ރެއަށް އިރުއޮއްސިގެން އައި އިރު، ނަޒީފުމެން، ގޭތެރެ ތައްޔާރުކޮށްފައި ވަނީ، ކުޑަވަރެއްގެ ހަފުލާއަކަށެވެ. ރަށުގެ ހަރުކުލައިގެ މީހުންނަށާއި، ގާތް ރައްޓެހިން ފިޔަވައި އިތުރު ބަޔަކަށް ދައުވަތެއް ނުދެއެވެ.

ބޮޑެތި މީހުންނަށް ދައުވަތު ދެވިފައި ވަނީ، އެ ރޭގެ އަށެއްޖަހާ އިރަށެވެ. ގަޑިޖެހުނުއިރު އެންމެން ވަނީ ހަމަވެފައެވެ. ގެއަށް މީހުން ޖަމާވާން ފެށުމުން ރަޝްފާ އިނީ ކަންބޮޑުވެފައެވެ. އޭނާގެ ހިތަށް އެންމެ ބޮޑު ނުތަނަވަސްކަމެއް ލިބުނީ، މޫސަބޭ ފެނުމުންނެވެ. މޫސަބޭއަކީ އެ ރަށަށް އަރުވާލާފައި ހުރި ފަންޑިތަވެރިކަމުގެ މާހިރެކެވެ. މޫސަބޭ ފެނުމުން ރަޝްފާއަކަށް ނުހުރެވުނެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ، އެނދުގައި އޮތް ދަރިފުޅުގެ ވަށައިގެން ބާލިސްތައް ޖެހިއެވެ. އޭނާގެ ހިތުގައި އުފެދެމުން އަންނަ ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ.

“ދަރިފުޅަށް ކިޔަނީ ކޮންނަމެއް؟” ނަޒީފުގެ ގާތުގައި ކަތީބު އެއްސެވިއެވެ.

“ނާޖީ!” ނަޒީފު ހިނިތުންވެލިއެވެ.

“ނާޖީއޭ؟ އާނ! އާނ! ދެން ޒަމާނީ ކުދިން ވިއްޔަ. ކިޔަން ވާނީ ޒަމާނާގުޅޭ ކަހަލަ ނަންނަން.” ހަރުކުލައިގެ މީހަކު ބުނެލިއަޑު އިވުނެވެ.

“ކިހައި ރީތި ނަމެއް އެއީ.” ކަތީބު ހުންނެވީ ނަޒީފާ އެއްކޮޅަށެވެ.

“އެއީ އަޅުގަނޑުގެ ހޮވުމެއް ނޫން. ރަޝްފާގެ ހޮވުން.”

“އަދި ދަރިފުޅު ދައްކައެއް ވެސް ނުލަމެއްނު. ނަން ކިޔައިގެން އުޅޭއިރު އެހައި އަވަހަށް ނިންދަވާކަށް ނުވާނެ” ކުޑަކަތީބު ބުނުއްވިއެވެ.

“އަދި ނުނިދާނެ. އެބަ އޮތް ކޮޓަރީގައި. ދޯ ރަޝްފާ!” ކޮޓަރީ ދޮރުމަތީގައި ހުރި ރަޝްފާއަށް ދޯ ދެމުން، އޭނާގެ މޫނަށް ނަޒީފު ބަލައިލިއެވެ.

ރަޝްފާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލެވުނުކަން ވެސް އޭނާއަކަށް ނޭނގުނެވެ.

“އެހެންވިއްޔާ ދަރިފުޅާ ބައްދަލުކޮށްފައި އައިސް ކާންފަށަން ވާނީ.” މި ފަހަރު އިވުނީ މޫސަބޭގެ އަޑެވެ. ރަޝްފާގެ މޭ ތެޅިގަތެވެ. ވީގޮތް ވެސް ނޭނގުނެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!