(ބުދަ ދުވަހުގެ ބަޔާއިގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
ފޮތިގަނޑު މޮހިއްޖެއެވެ. އަމިއްލައަށެވެ. ކަނޑައިގެން ގޮސްފައިވާ ތަން އަދިވެސް ހުރީ ރޯކޮށެވެ. ލޭކުލަ ވެސް ކުޑަކޮށް ހުއްޓެވެ. ނާޖީގެ ހުތުރު، ކުރަކި އަތް ނަޒީފުގެ އަތާ ދިމާއަށް މައްޗަށް އަރަން ފަށައިފިއެވެ. ވަކިތަކެއް ކަހަލަ ތޫނު ނިޔަފަތިތަކުން ނިޔަފައްޗެއް ނަޒީފުގެ އިނގިލީގެ ކަނޑައިގެން ގޮސްފައިވާ ތަނުގައި ޖައްސާލުމާއެކު ލޭ އަތުވެއްޖެއެވެ. ނަޒީފަކަށް އެއިން ކަމެއް ހަމަ ކުޑަކޮށް ވެސް އިހްސާސެއް ނުކުރެވެއެވެ. އޭނާގެ އަތުގައި ކޮންމެވެސް މީހަކު ހިފަހައްޓާލައިގެން ހުރިކަހަލައެވެ.
ނަޒީފުގެ އިނގިލިން ލޭތިކިތައް ޖަހަން ފަށައިފިއެވެ. ނާޖީ އޮތީ އަނގަ ހުޅުވައިގެންނެވެ. އިސާހިތަކު އޭނާގެ އަނގަ ލެއިން ރަތްވެއްޖެއެވެ. އިރުކޮޅަކުން ނަޒީފުގެ އިނގިލިން ފައިބަމުން ދިޔަ ލޭ މަނާ ވެއްޖެއެވެ. އިހުގައި އޮތް ގޮތަށް އެ އަތް ބޭއްވިއްޖެއެވެ. ނާޖީގެ ހުތުރު ސިފަ މަޑުމަޑުން ގޮސް، އެ ކުއްޖާގެ ލޯބިލޯބި ސިފައަށް ބަދަލުވެއްޖެއެވެ. ހަމައެއާއެކު ދެ ލޯ މެރިއްޖެއެވެ. ނިދުނީއެވެ.
ނަޒީފަށް ހޭލެވުނީ ހަމަ ކުއްލިއަކަށެވެ. އިނގިލީގައި މާ ގަދައަށް ރިއްސައިގަނެގެންނެވެ. ތޫނު ދިލައެއް ނަގަން ފެށުމުންނެވެ. އޭނާއަށް ފުންމައިގެން ތެދުވެ، އިނގިއްޔަށް ބަލައިލެވުނެވެ. ހީވަނީ ހަމަ ދާދި ދެންމެ ކެނޑިފައި ހުރި ތަނެއް ހެންނެވެ. އިނގިލީގައި އައްސާފައި އޮތް ފޮތިގަނޑު އޮތީ ނާޖީގެ ބޮލާދިމާއިން އެނދުމަތީގައެވެ.
ފޮތިގަނޑު ނެގުމަށްފަހު އެނދުން ފައިބައިގެން ގޮސް، އަލަމާރި ހުޅުވައިލުމަށްފަހު ކޯލާވާޓަރު ފުޅިނަގައި، އެތިފޮދެއް އިނގިއްޔަށް އަޅައިލިއެވެ. އެ ވަގުތު ހީވީ، އެ ތަނުގައި އަލިފާން ޖެއްސިހެންނެވެ. ނަގައިގަތް ދިލައެއްގެ ގަދަކަމުން އޭނާއަށް އިނގިލީގައި ބާރަށް ހިފެހެއްޓުނެވެ. އަވަސްއަވަހަށް ފުމެން ވެސް ފެށުނެވެ. އިރުކޮޅަކުން ދިލަ މަޑުވެއްޖެއެވެ. އެއަށްފަހު އިނގިލީގައި ފޮތިގަނޑު ބަނދެލައިގެން އައިސް، ދަރިފުޅުގެ މަގަތުގައި ނަޒީފު ޖައްސައިލިއެވެ. ލޯތްބާއެކު ދަރިފުޅުގެ މޫނަށް ބަލައިލައި ލޯބިކޮށްލުމަށްފަހު ލޯ މަރައިލިއެވެ.
ނާޖީ ވިހޭފަހުން ހަފުތާއެއް ވެއްޖެއެވެ. އާޝިޔާ ލައްވާ ބޭސްކޮށްލުމުން، މިހާރު ރަޝްފާ ރަނގަޅެވެ. ތެދުވެ ކުދިކުދި މަސައްކަތްކޮށް ހަދަން ފަށައިފިއެވެ. ރަޝްފާ އެންމެ ކަންބޮޑުވަނީ، ނާޖީ ބުއް ނުބޯތީއެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ދަރިފުޅު ނަގައިގެން އޭނާ ބުއް ޖައްސައެވެ. ބުއް ނުބުޔަސް އޭނާއަކަށް ކުރެވޭނެ ކަމެއް ނެތެވެ.
މި އިން އެއްވެސް ކަމެއް ނަޒީފަކަށް ރަޝްފާ ނާންގައެވެ. މި ކަމުގެ ސަބަބުން ދިރިއުޅުމަށް ބިންދައިލާނޭ ރާޅެއްގެ ބޮޑުކަމާއި، ނުރައްކާތެރިކަން އިހްސާސްކުރެވޭތީއެވެ. އޮހޮރަން ޖެހޭނެ ކަރުނައިގެ ހިތިކަން ހިތަށް ވަޒަން ކުރެވޭތީއެވެ.
ރަޝްފާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ބޮޑުވަމުންނެވެ. ދަރިފުޅު ބުއްނުބޯތީއެވެ. ކައިއެއްޗެއް ބޯއެއްޗެއް ނޭނގޭތީއެވެ. ދަރިފުޅު ވިހޭ ރޭ ނަޒީފުގެ އިނގިލިން ހަލާކުވިތަންކޮޅު ރަނގަޅު ނުވާތީއެވެ. މި ކަހަލަ އެތައް ކަމަކާ އޭނާއަށް ފިކުރު ކުރެވެއެވެ. ސިކުނޑި ފެލާން ޖެހެއެވެ. އެހެންކަމުން އޭނާގެ ބޮލުގައި ވެސް ހުންނަނީ ނުފިލާ ރިހުމެއް އުފެދިފައެވެ.
މިއަދަކީ ނާޖީ ވިހޭތާ ދިހަވަނައަށް ވީ ދުވަހެވެ. ނަޒީފުމެން ގަސްދުކޮށްފައިވަނީ ނާޖީއަށް ނަންކިޔުމުގެ ކަންތައް، ކުޑަގޮތަކަށް މިއަދު ނިންމާލުމަށެވެ. މިއަދަކީ ބަންދު ދުވަހަކަށްވާތީ ވެސްމެއެވެ.
ހެނދުނު ތެދުވެ ސައިބޮއިގެން ނަޒީފު ދިޔައީ ޝަކީބު ރަށުގައި ހުރިތޯ ބަލައިލާށެވެ. ނަޒީފު ދިޔައިރު އާޝިޔާދައްތަ ބަދިގޭގައި އުޅެއެވެ.
“އާޝިޔާދައްތާ!” ބަދިގޭ ދޮރުކަނީގައި އަތްވިދެލުމަށްފަހު ނަޒީފު ގޮވައިލިއެވެ.
“އޯތް” އާޝިޔާ ބަލައިލިއެވެ. “އަހަނ! ނަޒީފު ދޯ! ހާދަ ހެނދުނަކާ. އަނެއްކާ ކޮންކަމެއް ލައިގަތީ؟”
“މި އައީ ޝަކީބު ހޯދާލަން. މަހަށް ގޮސް ދޯ ވީ؟”
“މަހަށްދާށޭ ކިޔާފައި ފަތިހުފަތިހާ ތެދުވެގެން ގޮސް އުޅެއުޅެފައި، އެބަ އޮތް އައިސް. ހީވަނީ ނިދާފައިހެން އޮންނާނީ. ގޮސް ނަގާބަލަ! ސައިހަދަން މިހާރު މި އުޅެނީ.”
ނަޒީފު ގޮސް ޝަކީބު ނިދާކޮޓަރި ދޮރު ހުޅުވާލައިފިއެވެ. އެއިރު ޝަކީބު އިނީ ތެދުވެއެވެ.
“ކަލޭމެންނަށް ތި ތިބީ ދުނިޔޭގައި އުޅެވިފައޭ! އަށެއް ނުވައެއް ޖަހާއިރު ނިދާ ތެދުވެވޭކަމަށް ނުވޭވިއްޔަ.” ނަޒީފު އުޅުނީ ޝަކީބާ ސަމާސާކޮށްލާށެވެ.
“ވަރަށް ފަތިހާ ތެދުވީމޭ. މީހުން ހަމަނުވެގެން މަހަށް ނުދެވުނީމާ، އަނެއްކާ އައިސް ޖައްސައިލީ.” ދެ ލޯ އުނގުޅައިލާފައި އާފުރެލަމުން ކުރިކި އަޑަކުން ޝަކީބު ބުނެލިއެވެ.
“މިހާރު ސައިތަށި އެހެރަ ހިހޫވަނީ. ޝަކީބު ތި އޮންނަނީ ތަންމަތި ހޫނުކުރަން. ދެންވެސް އަވަސްކޮށްގެން ހިނގާދާން!”
ޝަކީބު ފާޚާނާއަށް ވަދެ މޫނު ދޮވެލައި، ހަދާލައިގެން އައިސް އެއްޗެހި ބަދަލުކޮށްލުމަށްފަހު، ފުނާއަޅައި ތައްޔާރުވެލިއެވެ.
“ހިނގާދާން!” ޝަކީބު ކޮޓަރިން ނިކުތުމަށް ޓަކައި ހިނގައިގަތެވެ.
“ކޮންތާކަށް؟” ނަޒީފު އިނީ މޭޒުމަތީގައި އޮތް ފޮތެއް ނަގައިގެން ބަލާށެވެ.
“މިހާރު ފޮތުގެ ތެރެއަށް ގެއްލުނީދޯ؟ ސައިބޯން ހިނގާބަލަ!”
“އަހަރެން ހަމަ ދެންމެ ސައިބޮއިގެން މި އައީ.” ނަޒީފު ފޮތް ބާއްވާފައި ތެދުވެއްޖެއެވެ.
“ތިކަން އެނގެއޭ. ނަޒީފު އަންނާނީ ސައި ބޮއިގެންކަމާ، އެހެން ގެޔަކުން އެއްޗެއް ކާން ބިރުގަންނާނެކަން ވެސް އެނގެއޭ. އެކަމަކު ބައި ހެޔޮކޮށްލުން އެއީ ގޯހެއް ނޫން ކަންނޭނގެ” ދެ މީހުން ކޮޓަރިން ނިކުމެގެން ކާގެއާ ދިމާއަށް ހިނގައިގަތެވެ.
“އެއް ފަހަރު ވެސް ނުބޯނަމޭ ބުނެފިންތަ؟ އެހެންނޫނަސް މި ގޭން ނުކޭ އެއްޗެއް އަހަރެން ކޮންތާކުން ކާނީ؟”
ނަޒީފާއި ޝަކީބު އައިސް ކާގެއަށް ވަންއިރު ދެ ތަށްޓަށް އާޝިޔާ ސައި އަޅަނީއެވެ.
“ކޮން ދެ ތަށްޓަކަށް ތި ސައި އަޅަނީ؟”
“ދަރިފުޅަށާއި ނަޒީފަށް.” ޝަކީބާ ދިމާއަށް އާޝިޔާ ބަލައިލިއެވެ.
“ނަޒީފު ހިއެއްނުވޭ ބޯނެ ހެންނެއް.” ނަޒީފުގެ މޫނަށް ލޮލުގެ ކުޑަކޮޅުން ބަލައިލަމުން ޝަކީބު ބުނެލިއެވެ.
“އެއީ ދޮގެއް! ޝަކީބު އެ އުޅެނީ އަހަންނާ ދިމާކުރަންވެގެން!” ނަޒީފު މޭޒުދޮށުގައި އިށީނދެ، ސައިތަށި ކައިރިކޮށްލިއެވެ. އާޝިޔާ ހިނިއައިސްފައި ހުރެ ނިކުމެގެން ހިނގައްޖެއެވެ.
(ނުނިމޭ)