ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ރަޝްފާ އޮތީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އޭނާގެ ފުރަތަމަ ދަރިފުޅުގެ ހަގީގީ ސިފަ ފެނުމުންނެވެ. މި ސިފައިގައި މި ދަރިފުޅު އެހެން މީހަކަށް ފެނިއްޖެ ނަމަ، އެ މީހަކު ބިރުން މޮޔަވާނެއެވެ.

“މި ކުއްޖާއަށް ކިޔަންވާނީ ނާޖީ!” އެއީ އެ އެތީގެ ބިރުވެރި އަޑެވެ. އޭރު ވެސް އެކުއްޖާ އޮތީ އެ ބިރުވެރި ސިފައިގައެވެ. ވައިގެ ތެރޭގައެވެ.

ކުއްލިއަކަށް ރަޝްފާގެ ކަންފަތުގައި ޖެހުނީ ކޮޓަރީގެ ދޮރުފަތް ހުޅުވުނު އަޑެވެ. ފެނުނީ ނަޒީފު ވަންތަނެވެ. އަތުގައި ކިރުތައްޓެއް ހުއްޓެވެ. ނަޒީފު ފެނުމާއެކު، ރަޝްފާއަށް ތެޅެގަނެވުނެވެ. އެ ކުއްޖާގެ އަސްލު ސިފަ ނަޒީފަށް މި ފަހަރު ފެންނާނެއެވެ. ހުރިހައި ކަމެއް ބޭޒާރުވެ ފަޟީޙަތްވާނެއެވެ. ހަދާނީ ކިހިނެއްބާވައެވެ؟

ނަޒީފު އައިސް ކޮޓަރީގައި ހުރި ކުޑަމޭޒުމަތީގައި ސައިތަށި ބަހައްޓައިފިއެވެ. އޭރު ނާޖީއެއް ވައިގެ ތެރޭގައި ފެންނާކަށް ނެތެވެ. ރަޝްފާއަށް އޮވެވުނީ ހަދާނޭގޮތެއް ނޭނގިފައެވެ. އަބަދާއިއަބަދު އުޅޭން މި ޖެހެނީ ހާސްކަމެއްގެ ތެރޭގައެވެ.

“ހާދަ ވަރަކަށް ތި ބަލަނީ!” ނަޒީފު ހިނިތުންވެލަމުން ރަޝްފާއާ ދިމާއަށް ހިނގައިގެންފިއެވެ. ރަޝްފާގެ ހިތް ތެޅެމުން ދަނީ އޮބިނޯންނަ ދަރަޖައަކަށެވެ.

“ކޮބާ އެ މަންޖެ؟” ނަޒީފު ބަލައިލީ ރަޝްފާގެ ބިތްދޮށަށެވެ. ރަޝްފާއަށް ދެ ލޯ މަރައިލެވުނެވެ. އެ ކުއްޖާ ފެންނާން ނެތުމުން، ނަޒީފަށް ވާގޮތް ދެކޭކަށް އޭނާއަކަށް ފަސޭހައެއް ނުވާނެއެވެ.

“ހާދަ ހެވިފަ މި އޮތީ.” ނަޒީފުގެ އަޑަށް ރަޝްފާ ލޯ ހުޅުވައިލިއެވެ. އޭރު ނަޒީފު ހުރީ އެ މަންޖެ އުރާލައިގެންނެވެ. ރަޝްފާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ރަޝްފާ ނިކަން ބަލައިލަބަލަ! މި މަންޖެ ހާދަ ވަރަކަށް މަގޭ މޫނަށް އެބަ ބަލައޭ. ހީވަނީ ބައްޕަކަން އެނގިގެން ބަލާހެން.”

ނަޒީފުގެ މި ފަދަ ބަސްތަކުން ރަޝްފާގެ ހިތުގައި، އިތުރު ވޭނެއް އުފައްދަމުން ގެންދިޔައެވެ. އޭނާއަކީ ވަފާތެރި އަނތްބެއް ހެއްޔެވެ؟ ބޭވަފާތެރިއެއް ހެއްޔެވެ؟ ހަމަ ގައިމު ވެސް ފިރިމީހާއަށް ކަންތައްތަކެއް އޭނާއަށް އެބަ އޮޅުވައިލެވެއެވެ. އޭނާ އެ ގޮތަށް ކަނުބަނދެގެން ގެންގުޅޭތާ ނުވަ މަހަށް ވުރެ ގިނަ ދުވަސްވީއެވެ. އަދިވެސް މި ޖެހެނީ އެ ގޮތަށް އުޅޭށެވެ.

“ސައިތަށި މާ ބޮޑަށް ހީހޫވެދާނެ! ބޯންވީނު!” ދަރިފުޅު ގެނެސް ރަޝްފާގެ މަގަތުގައި ބާއްވައިލުމަށްފަހު ނަޒީފު ހިނގައިގަތީ، ސައިތަށި ބަލައެވެ.

“ތެދުވޭ! މިހާރު ބޮވޭވަރުވެއްޖެ.” ރަޝްފާގެ އަތުގައި ނަޒީފު ހިފަހައްޓައިލިއެވެ. ނަޒީފު ހީކުރިވަރަށްވުރެ މާ ފަސޭހައިން ރަޝްފާ ތެދުވެއްޖެއެވެ. އޭނާ ރަޝްފާގެ އަތަށް ސައިތަށި ފޯރުކޮށްލިއެވެ. ރަޝްފާ ސައިތަށީގައި ތުންޖައްސައިލިއެވެ.

ކުއްލިއަކަށް ނަޒީފުގެ ލޮލުގައި އަޅައިގަތީ، ރަޝްފާ ލައިގެން އޮތް “އަންޑަރސްކަރޓް”ގައި ހުރި ލޭތަކެވެ. ނަޒީފަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ކޮން ލެޔެއް މި ހިރީ؟”

ރަޝްފާއަށް ބަލައިލެވުނެވެ. އޭނާއަށް ވެސް ލިބުނީ، ހައިރާން ކަމެކެވެ. އެހެންނަމަވެސް ހަމަ އެ ސިކުންތުގައި ވީގޮތް އޭނާއަށް އެނގިއްޖެއެވެ.

“އަހަރެން މި އޮތީ ވިހޭގޮތަށް ކަމެއް ނަޒީފަކަށް ނޭނގޭތަ؟ ކާކު އަހަރެން ތާހިރު ކުރީ؟”

“ސޮރީ ރަޝްފާ! އަހަންނަށް ހަމަދެންމެ މި ފެނުނީ. މިހާއިރު ވީއިރު ތިޔަ ކަހަލަ ކަމެއް ހަނދާނެއް ވެސް ނެތް. ކިހިނެއް ވެފައި އަހަންނަށް މި ހުރެވުނީ؟” ނަޒީފަށް ވެފައި ހުރީ ކީއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ.

ނަޒީފު އަވަސްވެގަތީ ރަޝްފާ ތާހިރުކުރުމުގެ މަސައްކަތައިގެންނެވެ. އެ މަސައްކަތުން އަތް ދޫކޮށްލެވުނުއިރު، ފަސްގަޑި ބައިވެއްޖެއެވެ. ބިންމަތި އަލިވެއްޖެއެވެ. ދެން ވެސް ނަޒީފަށް އުރައިލެވުނީ އޭނާގެ ލޯބިލޯބި ދަރިފުޅެވެ. ނަޒީފު މިހައި ވަރަކަށް އެ ކުއްޖާއާގެން އުޅޭތީ، ރަޝްފާ އޮންނަނީ ކަންބޮޑުވެފައެވެ. އެ ކުއްޖާގެ ފަރާތުން ނަޒީފަށް ގެއްލުމެއް ލިބިދާނެތީއެވެ.

“ނަޒީފު! އަހަންނަށް ވަރަށް ރީތި ނަމެއް ބުނަންތަ؟” އަހަންނާހަން އޮވެފައި އެންމެ ފަހުން ރަޝްފާ އަހައިލިއެވެ.

“ހޫނ!”

“ނާޖީ. އެއީ ކިހައި ރީތި ނަމެއް.”

“ނާޖީއޭ؟ އެއީ ދެން މީހުން ކިޔާކަހަލަ ނަމެއްތަ؟ މިހައި ރީތި ކުއްޖަކަށް ތިޔަ ކަހަލަ ނަމެއް ނުވެސް ގުޅޭކަންނޭނގެ. އަހަންނަކަށް ރީއްޗެއް ނޫން ތިޔަ ނަމެއް.”

” އެކަމަކު މަށަށް ހާދަ ރީއްޗޭ!”

“ރައިހާ ރީއްޗެއް ނޫންތަ؟ “

“އުހުނ!” ރަޝްފާ މޫނު އަނބުރައިލިއެވެ. ހަގީގަތުގައި އޭނާއަށް ވެސް ރީތީ ނަޒީފުގެ ހުށަހެޅުމެވެ. އެހެންނަމަވެސް އޭނާއަށް މަޖުބޫރުވަނީ އެ ނަމާމެދު އިންކާރު ކުރާށެވެ.

“ދެން ކީއްވެ އެ ނަން ނުކިޔަންވީ؟”

“އެހެންނަމަވެސް ނާޖީ ނޫން ނަމެއް ކިޔައިގެން ނުވާނެ!” ރަޝްފާގެ އަޑުގައި މި ފަހަރު ހަރުކަށި ގޮތެއް ހުއްޓެވެ.

“އައްދޭ! ހާދަ ފާޑަކަށް! ތިހައި ރުޅިނަޔަސް ރަޝްފާ އެދޭގޮތަކަށް އަހަރެން ދެކޮޅެއް ނުހަދާނަމޭ” ނަޒީފު އެއްބަސްވިއެވެ.

ނަޒީފާ ދިމާއަށް ބާރަށް އެހެން ބުނެވުނީތީ، ރަޝްފާ ވަރަށް ދެރަވެއްޖެއެވެ. އެ ކަހަލަ ގޮތަކަށް މި ވީހައި ތާކަށް އަދި ދުވަހަކު ވެސް އޭނާ ނަޒީފާ މުޚާޠަބެއް ނުކުރެއެވެ. ވީ ދެރައެއްގެ ބޮޑުކަމުން، ރަޝްފާގެ ދެ ލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ.

“ސޮރީ ނަޒީފު! އެއީ…..” ރަޝްފާގެ އަޑު ތުރުތުރު އަޅައިގަތެވެ.

“އިޓްސް އޯކޭ! އަހަންނަށް އެނގޭ ރަޝްފާ އަހަރެންދެކެ ރުޅިއެއް ނާންނާނެކަން.” ނަޒީފު ހިނިތުންވެލީ ހިތުގައި އެއްވެސް ބުރައެއް ނެތްކަން ރަޝްފާއަށް ޔަޤީންކޮށްދޭށެވެ.

“ތި ތަނުގައި ކޮޅަށް ނުހުރެ މި ތާ އިނށީދެބަލަ!” އެނދުގެ ބިއްދޮށަށް ޖެހިލަމުން، ނަޒީފަށް ރަޝްފާ ތަންދިނެވެ. ދަރިފުޅު ގޮވައިގެން ނަޒީފު އިށީނދެއްޖެއެވެ.

“މިހާރު ވެސް ބަނޑުގައި ރިއްސާތަ؟” ނަޒީފު އަހައިލިއެވެ.

“އިރުއިރުކޮޅުން ރިއްސައިލާ.”

“އުހުނ! ނިކަން ބަލައިލަބަލަ! މި މަންޖެގެ ނިޔަފަތިތައް ހާދަ ދިގޭ! ކުރިއަކުން އަހަންނަކަށް މި ކަމެއް ފާހަގައެއް ނުކުރެވޭ.” ތޫނު ވަކިތަކެއްހެން ހުރި ދިގު ނިޔަފަތިތައް ފެނިފައި، ނަޒީފުގެ ދެ ލޯ ބޮޑުވިއެވެ.

“ބައެއް ކުދިން  ވިހާއިރު ނުލާހިކު ދިގުކޮށް ނިޔަފަތި ހުރެޔޭ.” ރަޝްފާ މަސައްކަތްކުރީ އާދައިގެ ކަމަކަށް އެކަން ހެދޭތޯއެވެ.

“އަހަންނަށް ވެސް ތި ކަން އެނގެޔޭ. އެކަމަކު މި މަންޖެގެ ނިޔަފަތި މި ހުންނަނީ ވެސް މާ އެހެން ފާޑަކަށް.” ޝަހާދަތް އިނގިލީގެ ނިޔަފަތީގައި އިނގިލި ޖައްސާލަމުން ނަޒީފު ބުންޏެވެ. “ހާދަތޫނޭ!” ރަޝްފާގެ މޫނަށް ނަޒީފު ބަލައިލިއެވެ. “ނިކަން ބަލައިލަބަލަ!” ދަރިފުޅުގެ އަތް ރަޝްފާއަށް ދައްކައިލަމުން ނިޔަފަތީގެ ކޮޅުގައި ނަޒީފު ޝަހާދަތް އިނގިލި ކާއްތާލިއެވެ. އެ ވަގުތު ނަޒީފުގެ އިނގިލިން ތޫނު ދިލައެއް ނަގައިގަތެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!