ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


“އުހުނ! ނިކަން ބަލައިލަބަލަ! މި މަންޖެގެ ނިޔަފަތިތައް ހާދަ ދިގޭ! ކުރިއަކުން އަހަންނަކަށް މި ކަމެއް ފާހަގައެއް ނުކުރެވޭ.” ތޫނު ވަކިތަކެއްހެން ހުރި ދިގު ނިޔަފަތިތައް ފެނިފައި، ނަޒީފުގެ ދެ ލޯ ބޮޑުވިއެވެ.

“ބައެއް ކުދިން  ވިހާއިރު ނުލާހިކު ދިގުކޮށް ނިޔަފަތި ހުރެޔޭ.” ރަޝްފާ މަސައްކަތްކުރީ އާދައިގެ ކަމަކަށް އެކަން ހެދޭތޯއެވެ.

“އަހަންނަށް ވެސް ތި ކަން އެނގެޔޭ. އެކަމަކު މި މަންޖެގެ ނިޔަފަތި މި ހުންނަނީ ވެސް މާ އެހެން ފާޑަކަށް.” ޝަހާދަތް އިނގިލީގެ ނިޔަފަތީގައި އިނގިލި ޖައްސާލަމުން ނަޒީފު ބުންޏެވެ. “ހާދަތޫނޭ!” ރަޝްފާގެ މޫނަށް ނަޒީފު ބަލައިލިއެވެ. “ނިކަން ބަލައިލަބަލަ!”

ދަރިފުޅުގެ އަތް ރަޝްފާއަށް ދައްކައިލަމުން ނިޔަފަތީގެ ކޮޅުގައި ނަޒީފު ޝަހާދަތް އިނގިލި ކާއްތާލިއެވެ. އެ ވަގުތު ނަޒީފުގެ އިނގިލިން ތޫނު ދިލައެއް ނަގައިގަތެވެ. އޭނާ އަވަސްއަވަހަށް އިނގިއްޔަށް ބަލައިލިއެވެ. އޭރު އޭނާގެ އިނގިލިން ލޭއަންނަނީއެވެ. ހައިރާންކަމުގެ ތެރޭގައި ނަޒީފަށް އިނދެވުނީ އިނގިއްޔަށް ބަލާށެވެ. އިރުކޮޅަކުން އެ އިނގިލިން ލޭތިއްކެއް ވެއްޓިއްޖެއެވެ. އޭނާގެ އުނގުގައި އަތްފައި ހަލުވައިލަހަލުވައިލަ އޮތް ކުޑަ ދަރިފުޅުގެ މަތީ ތުންފަތް މައްޗަށެވެ.  ނަޒީފު އަވަހަށް އަނެއް އަތުން ލޭތިކި ފުހެލެވޭތޯ އުޅުނެވެ. އެހެންނަމަވެސް އޭނާއަކަށް އެ ކަމެއް ނުވިއެވެ. އެއަށްވުރެ ކުރީން އެ މަންޖެ ދޫނެރެ، އެ ލޭތިކި ފުހެ ބޮއިލައިފިއެވެ.

“ކިހިނެއް މި ވީ؟ އިނގިލި ވެސް ކަނޑައިގެން ހިނގައްޖެ. މި ކުއްޖާގެ އަނގަޔަށް ލޭ ވެސް ހިނގައްޖެ. އަހަންނަށް ހީވަނީ ނިޔަފަތީގައި ޖެހިފައިހެން ކަނޑައިގެން މި ދިޔައީ. ވަރަށް ބޮޑަށް އެބަ ދިލަ ވެސް ނަގާ.” ރަޝްފާގެ ގާތުގައި އެ މަންޖެ ބޭއްވުމަށްފަހު އަނެއް އަތުން އިނގިލީގައި ނަޒީފު ހިފަހައްޓާލިއެވެ.

ރަޝްފާ އޮތީ ކަންބޮޑުވެ ހާސްވެފައެވެ. މި ހައި އަވަހަށް ކަންތައްތައް ދިމާވާން ފެށީއެވެ. އަދި މި އުޅެނީ ވިހޭތާ ދެތިންގަޑިއިރު ނުވެގެންނެވެ.

“އަވަހަށް މި މަންޖެގެ ނިޔަފަތި ކަނޑާ!” ނިޔަފަތި ކަނޑަން ދަތި ގެނެސް ރަޝްފާގާތުގައި ބޭއްވުމަށްފަހު، ނަޒީފު ގޮސް ވަނީ ގިފިއްޔަށެވެ. ވަޅުން ފެންދާންޏެއް ނެގުމަށްފަހު، އިނގިލިން އައިސްފައި ހުރި ލޭތައް ދޮވެލިއެވެ. އެއިރުވެސް އިނގިލިން ދިލަނަގައެވެ. އަނެއްކާ ވެސް ލޭ އަންނަން ފަށައިފިއެވެ. ފެންދާނީ ތެރެއަށް ނަޒީފު އަތް ގަންބާލިއެވެ. ނަޒީފު އިނީ ބަލާށެވެ. ފެންދާނި ތެރެއަށް ލޭތައް ފޭދެމުންދެއެވެ. ކަނޑައިގެންގޮސްފައި ހުރިތަން ކުޑައެއް ނޫނެވެ.

ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވެގެން ގޮސް، އިނގިލީގައި ފޮތިގަނޑެއް އޮޅައިލިއެވެ. އަދި ރަނގަޅަށް އައްސާލުމަށްފަހު ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

“ހާދަ ބޮޑަކަށް ކަނޑައިގެންގޮސްފައޭ ހުރީ. އަދި ވެސް ވަރަށް ބޮޑަށް އެބަ ދިލަނަގާ. މަ ހިއެއްނުކުރަން އެހައި ތޫނުވާނެކަމަކަށް. މިހާރު ނިޔަފަތިތައް ކެނޑީތަ؟”

“އަ…… އާނ!” ރަޝްފާގެ އަޑަށް ހުއްޓުންއެރިއެވެ.

ނަޒީފު އައިސް އިނގިލިތަކަށް ބަލައިލިއެވެ. ނިޔަފަތިތައް ހުރީ ވަރަށް ރީތިކޮށް ކަނޑާފައެވެ. އެހެންނަމަވެސް ހަގީގަތުގައި އެންމެ ނިޔަފައްޗެއް ވެސް ރަޝްފާއެއް ނުކަނޑައެވެ. އޭނާ ހަމަ ބަލަން އޮއްވާ މަޑުމަޑުން ނިޔަފަތިތައް އެތެރެއަށް ވަދެ، އާދައިގެ ނިޔަފަތިތަކަކަށް ބަދަލުވީއެވެ.

“މިހާރު ހަމަ ރީއްޗަށް އަލިވެއްޖެ. އަހަރެން އަންނާނަން އާޝިޔާދައްތަ ގާތަށް ގޮސް ރަޝްފާ ވިހޭ ވާހަކަ ބުނެފައި. ރަޝްފާ ވިހޭގޮތުގެ ވާހަކަ ކިޔައިދީފިއްޔާ އޭނާ ވަރަށް ހައިރާންވާނެ ކަންނޭނގެ. އެ ވާހަކަ މާބޮޑަށް މީސްމީހުން ގާތުގައި ދައްކާނެކަމެއް ނެތް. ބޭސްކޮށްލީމާ އިސާހިތަކު ހަމައަކަށް އެޅިދާނެ.” ދަރިފުޅުގެ ކޮލުގައި ފިރުމާލުމަށްފަހު، ނަޒީފު ނިކުމެގެން ހިނގައްޖެއެވެ.

ނަޒީފު ދިއުމުން ދަރިފުޅުގެ މޫނަށް ރަޝްފާ ބަލައިލިއެވެ. އެ މަންޖެ އޮތީ ދެ ލޯ ދަމާ ވާންކޮށްގެން މައްޗަށް ބަލާށެވެ! ހީވަނީ ކޮންމެވެސް އެއްޗެއް ފެނިގެން ބަލަން އޮތްހެންނެވެ. އިރުކޮޅަކު އެހެން އޮވެފައި، ފެށީ ރޯށެވެ. ވަރަށް ބާރަށެވެ. އެ މަންޖެ ވިހޭފަހުން މި ވީ ދެތިން ހަތަރު ގަޑިއެއްގެ ތެރޭގައި އެއީ ރުއި ފުރަތަމަ ފަހަރެވެ. ރޯން ފެށުމުން ރަޝްފާގެ ގާތަށް އައީ ރުޅިއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ރަހުމު ވަދެއްޖެއެވެ. މާ ބާރަށް ރޯތީއެވެ.

ކޮންމެ ގޮތެއް ވިޔަސް، ކޮންމެ ސިފައެއްގެ ކުއްޖަކަސް، އެއީ އޭނާގެ ބަނޑުގައި ނުވަ މަސް ދުވަހު އޮތް ކުއްޖެކެވެ. މަޔަކީ އޭނާއެވެ. ރަޝްފާއަށް ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދަރިފުޅު ނެގިއްޖެއެވެ. އަތްދަނޑިމަތީގައި ބޭއްވުމަށްފަހު، ބުއް ވެސް ޖެއްސުނެވެ. ހަމައެއާއެކު ރުއިން ހުއްޓާލައިފިއެވެ. އެހެންނަމަވެސް ހަމަ އެންމެ ފަހަރަކު ވެސް ދަމައެއް ނުލައެވެ. އަނގަޖަހައިގެން އޮތީއެވެ. އިރުކޮޅަކު އެހެން އޮވެފައި، ނައްޓާލައިފިއެވެ. އޭރު އެ މަންޖެ އޮތީ މުޅިން ހަމަޖެހިފައެވެ. ދަރިފުޅުގެ މޫނަށް ރަޝްފާ ބަލައިލިއެވެ. ދަރިފުޅު އޮތީ، ކުރިއެކޭ އެއްގޮތަށް މައްޗަށް ބަލާށެވެ.

ޖެހިގެން އައި ރެއެވެ. ނަޒީފާއި ރަޝްފާއަށް ތިބީ ނިދިފައެވެ. ދެ މީހުންގެ މެދުގައި ކުޑަ ދަރިފުޅު ވެސް އޮތެވެ. އެ މަންޖެ އޮތީ ދެ ލޯ ބޮޑުކޮށްގެން މައްޗަށް ބަލާށެވެ.

ގަޑިން ދެ ގަޑި ބައިވިއަޑު އިވުނީ ހަމަ ދެންމެއަކުއެވެ. އެއާއެކު އެ މަންޖެގެ ލޯބިލޯބި ސިފައަށް ބަދަލު އަންނާން ފަށައިފިއެވެ. ހުތުރު ސިފައަކަށެވެ. މަޑުމަޑުން ކުލަ ބަދަލުވަމުން ގޮސް، ހަށިގަނޑު ކަޅު އެންދެރި ކުލައަށް ބަދަލު ވެއްޖެއެވެ. މުޅި ގައިން ބޮޑެތި ފޮޅުތަކެއް ނަގައިފިއެވެ. މޫނުމަތީގެ ތަންތަންކޮޅުން ފާރުގަނޑުގަނޑު ހެދި، ނިތްމަތިން ބައެއް ފަޅައިގެން ހިނގައްޖެއެވެ. ބޮލުގައި އޮތް ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑުގެ ކުލަ ފަނޑުވެ، ކޮޅަށްޖެހެން ފަށައިފިއެވެ. އަތްފައިގެ ނިޔަފަތިތައް ދިގުވެ، ވަކިތަކެއްހެން ވެއްޖެއެވެ. ނޭފަތް ކުރުވެ، މަތީ ދަތްޕިލައިން ދިގު ދެ ދަތް ފަޅައިފިއެވެ. ދެ ލޯ ރަތްވެއްޖެއެވެ. ރަޝްފާއާއި ނަޒީފާ ދެ މީހުންގެ ދެމެދުގައި، މިހާރު އެ އޮތީ އިންސީންގެ ތެރޭގައި ހިމެނޭ ކުއްޖެއް ނޫނެވެ. ނުބައި ސިފައެއްގައި އޮތް ބިރުވެރި މަޚުލޫޤެކެވެ.

ނަޒީފު އޮތީ އުޑުތިލަމަތިން ހަރަން ބަނދެލައިގެން ކަހަލަ ގޮތަކަށެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ އެއް އަތް، މަޑުމަޑުން ނާޖީއާ ދިމާއަށް ދާންފެށިތަނެވެ. އެއީ ކުރީ ދުވަހު ކަނޑައިގެންދިޔަ އަތެވެ. އެ އިނގިލީގައި މިހާރު ވެސް އޮތީ، ފޮތިގަނޑެއް އައްސާފައެވެ. ނަޒީފުގެ އަތް ގޮސް ހުއްޓުނީ ނާޖީގެ މޫނާއި ހަމައިންނެވެ. ފޮތިގަނޑު އައްސާފައި ހުރި އިނގިލި ދިމާވަނީ ނާޖީގެ އަނގަޔާއެވެ.

ފޮތިގަނޑު މޮހިއްޖެއެވެ. އަމިއްލައަށެވެ. ކަނޑައިގެން ގޮސްފައިވާ ތަން އަދިވެސް ހުރީ ރޯކޮށެވެ. ލޭކުލަ ވެސް ކުޑަކޮށް ހުއްޓެވެ. ނާޖީގެ ހުތުރު، ކުރަކި އަތް ނަޒީފުގެ އަތާ ދިމާއަށް މައްޗަށް އަރަން ފަށައިފިއެވެ. ވަކިތަކެއް ކަހަލަ ތޫނު ނިޔަފަތިތަކުން ނިޔަފައްޗެއް ނަޒީފުގެ އިނގިލީގެ ކަނޑައިގެން ގޮސްފައިވާ ތަނުގައި ޖައްސާލުމާއެކު ލޭ އަތުވެއްޖެއެވެ. ނަޒީފަކަށް އެއިން ކަމެއް ހަމަ ކުޑަކޮށް ވެސް އިހްސާސެއް ނުކުރެވެއެވެ. އޭނާގެ އަތުގައި ކޮންމެވެސް މީހަކު ހިފަހައްޓާލައިގެން ހުރިކަހަލައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!