އޮސްޓްރޭލިއާގައި މާސްކު އެޅުން މަޖުބޫރުކޮށްފި

އޮސްޓްރޭލިއާގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ މާސްކު އެޅުން މަޖުބޫރުކޮށްފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ނިއު ސައުތު ވޭލްސުގައި އަށް މީހުންނަށްވަނީ ކޯވިޑް ޖެހިފައެވެ. އަދި ވިކްޓޯރިއާ ސްޓޭޓުގައިވެސް ތިން މީހުންނަށްވަނީ ބަލިޖެހިފައެވެ.

ނިއު ސައުތު ވޭލްސްގައި ކޯވިޑް ފެތުރެން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ މެދު ތެރޭގައި ސިޑްނީގެ ނޯދާން ބީޗްސް ސަރަޙައްދުގައެވެ. އެއާއިއެކު އެ ސަރަޙައްދުތައި ދިރިއުޅޭ ދޮޅު މިލިއަން މީހުންވަނީ މިމަހުގެ 9ވަނަ ދުވަހާއި ހަމައަށް ފުރަބަންދުކޮށްފައެވެ. މިހާތަނަށް އެ ކުލަސްޓާއާއި ގުޅުންހުރި 148 ކޭސްވަނީ ދަފްތަރުކޮށްފައެވެ.

ބަދަލު އައިސްފައިވާ ކޯވިޑް ވައިރަހަކާއި ގުޅުންހުރި ކޭސްތަކެއްވެސް ސިޑްނީގެ ހުޅަނގުގެ ސަރަޙައްދަކުން ވަނީ ފެނިފައެވެ. އެ ސަރަޙައްދުން ބަލިޖެހިފައިވާ 13 މީހުންވަނީ ފެނިފައެވެ. ނިއު ސައުތު ވޭލްސްގެ އެންމެ އިސް ޞިއްޙީ އޮފިސަރު، ކެރީ ޗެންޓް ވިދާޅުވީ އެ ސަރަޙައްދުގައި ބަލި ފެތުރެން ފެށީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ފިހާރައަކުން ޚިދުމަތް ހޯދި ބަޔަކު ބައްޔަށް ހުށަހެޅުމުގެ ސަބަބުންނެވެ.

ނިއު ސައުތު ވޭލްސްގައި މިހާރުވަނީ މާސްކު ބޭނުންކުރުން މަޖުބޫރުކޮށްފައެވެ. އެގޮތުން ގޭމުކުޅޭ ސެންޓަރުތަކާއި ބޯކޮށާ ސެލޫންތަކާއި ފިހާރަތަކުގައި މާސްކު އެޅުންވަނީ މަޖުބޫރުކޮށްފައެވެ.

މިހާތަނަށް އޮސްޓްރޭލިއާ ފާހަގަވެފައި އޮތީ ސަރުކާރުން އަޅާފައިވާ ހުށިޔާރު އަދި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވިޔަ ނުދީ ހިފަހެއްޓި ޤައުމެއްގެ ގޮތުގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!