2020 ގައި ރާއްޖެއަށް އައީ 555213 ފަތުރުވެރިން

2020ވަނަ އަހަރު ނިމުނު އިރު ރާއްޖެއަށް 555213 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 172366 ފަތުރުވެރިންނެވެ. އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައީ މިދިޔަ ޑިސެމްބަރު މަހުގައެވެ. އެގޮތުން ޑިސެމްބަރުމަހު ރާއްޖެއަށް96225 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން އެއް މަސް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ މަހެވެ. އަދި ޑިސެމްބަރުމަހު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އޭގެ ކުރީ ފަސް މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށްވުރެވެސް އިތުރެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވަމުން ދިޔުމާއި އެކެ ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިއިރު އެވަރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އެހެން ނަމަވެސް އަހަރު ނިމުނު އިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3104 ފަތުރުވެރިން އާދެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ.  ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން އެ ޤައުމުން 31800 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެއަށް 27667 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތިން ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން މިހާތަނަށް 19686 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!