ކުރިއަށް އޮތީ އުއްމީދީ އަހަރެއް: ރައީސް ނަޝީދު

ކުރިއަށް އޮތީ އުއްމީދީ އަހަރެއް ކަމަށާއި ދަތި އުނދަގޫ މަގު ހުރަސްކޮށް ދިވެހިން ކާމިޔާބީ ހޯދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

2021 ވަނަ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު ވެގެން ދިޔައީ އެހެން އަހަރުތަކާ ވަރަށް ތަފާތު އަހަރަކަށް ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް އައި ކަމަށެވެ. ފަތުރުވެރިކަން އިންތިހާއަށް ދަށަށްގޮސް، ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީ ގެއްލި، ސްކޫލްތައް ބަންދުކޮށް، އަދި ގާތްތިމާގެ މީހުން މި ދުނިޔެ ދޫކޮށްދިޔަ އަހަރެއް ކަމަށާއި، 2020 ވަނަ އަހަރަކީ ގިނަ މީހުން ހަނދާންކުރަން ބޭނުންވާނެ އަހަރެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް، އައު އަހަރު ބައްދަލު މިކުރަނީ އުންމީދުތަކަކާއެކުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ގެ ވެކްސިން ހަލުވިކަމާއެކު ލިބި، މި ނުރައްކާތެރި ވައިރަހުން އެއްކޮށް ސަލާމަތްވާނެކަމުގެ އުންމީދުތަކާ އެކު ކަމަށެވެ. އަދި ވެކްސިން ލިބުނުހާ އެންމެ އަވަހަކަށް ހުރިހާ ރައްޔިތުން ވެސް ވެކްސިން ޖެހުމަށް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ނިމިގެން މިދާ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ސްޕީޑާއި މަސައްކަތުގެ ފުރިހަމަކަމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އެގޮތުން، މުހިންމު ބިލުތަކެއް ފާސްކުރެވި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފުޅާވެ، މިހާރު ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހިމާޔަތްކޮށް، ސަރުކާރު ޒިންމާދާރުކުރުވައި ޖަވާބުދާރީކޮށް، ގައުމީ މުހިންމު މައްސަލަތަކުގައި ބަހުސްކޮށް، ގައުމުގެ ކުރިމަގަށް ބޭނުންވާ މުހިންމު ގާނޫނުތައް ފާސްކުރަމުންދާ ދައުލަތުގެ މުހިންމު ގުނަވަނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ޚާއްސަކޮށް، ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރާއެކު ކުރި މަސައްކަތާމެދު ހިތްހަމަޖެހޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެހެން ގައުމުތަކަށްވުރެ ކުރިން ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް އަލުން ހުޅުވާލުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން މިހާރު ފެންނަމުން މިދާ ކުރިއެރުމަކީ އެގޭ ނަތީޖާ ކަމަށާއި، ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވިނަމަ މިއަދުގެ ޙާލަތު މިހާރަށްވުރެ މާބޮޑަށް ވެސް ނިކަމެތިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިވެހި ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ކުރާ ޚަރަދުތަކާއި ހިލޭ އެހީއާއި ފައިނޭންޝަލް އޮޑިޓްތައް ތައްޔާރުކުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުން ކުރި ބުރަ މަސައްކަތުން، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކަށް ފާރަވެރިވެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައު އަހަރުގެ އުންމީދުތަކަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރަކީ، ފާއިތުވި ބައެއް ދުވަސްތަކުގައި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ފެނިގެން ދިޔަ ފަދަ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމުގެ ޚިޔާލުތަކަށް ޖާގަނުދީ، އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އަމާން، ހުރިހާ އެންމެންނަށް އިޙްތިރާމްކުރާ ސުލްހަވެރި މާދަމާ އަކަށް ދަތުރުކުރާނެ އަހަރަކަށްވުން ކަމަށެވެ. އަދި، ކުރިއަށްއޮތް އަހަރަކީ، ބައިބައިވުމަށް ޖާގަނުދީ، ޚިޔާލު ފާޅުކުރުމާއި، ތަފާތު ޚިޔާލުތަކުގެ ފަރާތްތަކާއެކުވެސް މަޝްވަރާކޮށް ކަންކަން ނިންމުމުގެ ވިސްނުން އިސްކުރާނެ އަހަރަކަށްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އަހަރު ވެސް ވެގެންދާނީ، ދިވެހި ރާއްޖެއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަވެރިކަމާއި އަމަންއަމަންއަމާންކަން ދެމިއޮންނާނެ އަހަރަކަށްވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި، ބައިނަލްއަގުވާމީ ބައިވެރިން، ޚާއްސަކޮށް އަވަށްޓެރި ގައުމުތަކާއި ޒަމާންވީ ރަހުމަތްތެރިންނާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެ އަހަރަކަށްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ ހަކަތައިގެ ސިނާއަތާމެދު ހެދިފައިވާ މަގުޗާޓާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އުންމީދަކީ ރާއްޖެއަށް މިހާރު އެތެރެކުރަމުންދާ ތިމާވެއްޓަށް ގެއްލުންދޭ އަދި އަގުބޮޑު ތެލުގެ ބާވާތްތަކާއި ގޭސް އެތެރެކުރުން ހުއްޓާލުން ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ބަރޯސާވާންވީ، އެންމެ ގިނައިން ލިބެންހުރި ގުދުރަތީ އެއް ވަސީލަތް ކަމަށްވާ އަވީގެ ހަކަތައަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ކަމަކަށްވާއިރު، ހަކަތައިގެ ވަސީލަތްތަކާއި ހަކަތަ ބޭނުންވާންވަރާމެދު، ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖޭކަން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުގައި އުންމީދީ ކިތަންމެ ކަމެއް ކުރުމަށް ރާވައި އަންދާޒާ ކުރެވުނު ނަމަވެސް، މިންކަންތައްތަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ރިޒޯޓުތަކުގެ އޮކިއުޕެންސީ 80 އިންސައްތައަށް ދިޔަކަމުގައިވީ ނަމަވެސް، އަދި 150 ހާސް ޓަނުގެ މަސް ވިއްކުނުކަމުގައި ވީނަމަވެސް، ދައުލަތުގެ މާލީ ޙާލަތު ރަނގަޅު ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ސަރުކާރުން ވަނީ ގިނަ އަދަދަކަށްލޯނު ނަގާފައި ކަމަށާއި، އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައި ދަރަނި އަދާނުކުރެވޭއިރު، އަދި މި ހާލަތުގައި ދަރަނި އަދާނުކުރެވޭނެ ކަމަށެވެ. އަދި އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައިދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގޮންޖެހުންތައް މިހެން ހުރިކަމުގައި ވީނަމަވެސް، ކުރިއަށްއޮތް އަހަރާ ދޭތެރޭގައި އުންމީދުތައް ވަރަށް ވެސް ބޮޑު ކަމަށެވެ. ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބީ ހޯދާބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!