އީރާނުން ވައްޓާލި ބޯޓުން މަރުވި މީހުންގެ އާއިލާތަކަށް ބަދަލުދެނީ

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ހަމަލާއަކުން ވެއްޓުނު ޔޫކްރޭނުގެ ބޯޓުން މަރުވި 176 މީހުންގެ، ކޮންމެ އާއިލާއަކަށް 150،000 ޑޮލަރު ބަދަލެއްގެ ގޮތުގައި ދިނުމަށް އީރާނުން ނިންމައިފި އެވެ.

ޔޫކްރޭން އިންޓަނޭޝަނަލް އެއާލައިންގެ ބޯއިން 737 ގެ ބޯޓު މިދިޔަ އަހަރުގެ ޖެނުއަރީ 8 ވަނަ ދުވަހުގެ ހެނދުނު ތެހެރާނުން ފުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ދެ މިސައިލް އަރައިފަ އެވެ. ބޯޓަށް ހަމަލާ ދިން ކަމަށް އެންމެ ފުރަތަމަ ދެކޮޅު ހެދުމަށް ފަހު އީރާނުން ފަހުން ވަނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް ބުނެ އެކަމުގެ ޒިންމާ އުފުލައިފަ އެވެ. އަދި އެއީ ރިވޮލިއުޝަނަރީ ގާޑަށް ހެދުނު ގޯހެއް ކަމަށް ވަނީ ބުނެފަ އެވެ.

ވެއްޓުނު ބޯޓުން މަރުވި މީހުންގެ ތެރޭގައި އީރާނުގެ 82 މީހުންނާއި ކެނެޑާގެ 63 މީހުން، ޔޫކްރޭނުގެ 11 މީހުން (އޭގެ ތެރޭގައި ބޯޓުގެ ނުވަ ފަޅުވެރިން)، އަފްޣާނިސްތާނުގެ ހަތަރު މީހުން، އިނގިރޭސި ވިލާތުގެ ހަތަރު މީހުން އަދި ޖަރުމަނުގެ ތިން މީހުން ހިމެނެ އެވެ.

ޔޫކްރޭނުގެ ބޯޓަށް މިސައިލް ހަމަލާ ދިން ވަގުތަކީ އީރާނުގެ އެއާ ޑިފެންސް ވަރަށް ބޮޑަށް އެލާޓުގައި އޮތް ދަނޑިވަޅެކެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ކުރިން އީރާނުން ވަނީ އިރާގުގައިވާ އެމެރިކާގެ މަރުކަޒުތަކަށް ވައިގެ ހަމަލާދީފަ އެވެ. އެއީ އީރާނުގެ އިސް ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އެމެރިކާގެ ޑްރޯން ހަމަލާއެއްގައި ބަޣުދާދުގައި އަވަހާރަކޮށްލާފައިވާތީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!