ނިޔާމަ ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން ރިސޯޓް މޮނިޓަރިންގ ހާލަތަށް ގެންގޮސްފިއެވެ
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ނިޔާމަ ރިސޯޓުން މިއަދު 7 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވަފައިވާކަމަށެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވެފައި އޮންނަތާ ދުވަސްތަކެއްވެފައިވާއިރު، ވަރަށް މަދުފަހަރެއްގައިނޫނީ ރިސޯޓެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިނުވެއެވެ. ނިޔާމަ ރިސޯޓުން މިއަދު ޕޮޒިޓިވްވީ 2 ފަތުރުވެރިންނާއި 5 މުވައްޒަފުންނެވެ.
ޑރ.ނަޒްލާ ވިދާޅުވީ ނިޔާމަ ރިސޯޓް މިވަގުތު މޮނިޓަރިންގައި އޮތުމާއެކު އެރަށަށް “ސްޕްލިޓް ސްޓޭ” ހެދުމާއި ސްޓާފުން އެކި ތަންތަނަށް ދިއުން މިވަގުތު ހުއްޓުވާފައިވާކަމަށެވެ. މީގެ އިތުރުން އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދ.އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓްގެ ކަމާގުޅޭ ޓީމާއެކު ކުރަމުންދާކަންވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
ނިޔާމަ ރިސޯޓުން މިއަދު ޕޮޒިޓިވް 7 ކޭސް ފެނިފައިވާއިރު އެޗްޕީއޭއިން ހާމަކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 10 މީހުންވަނީ ރިސޯޓްތަކުން ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ރިސޯޓްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިބިކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެެ.