ފުލުހުންގެ ހިދުމަތުގެ ބިލާއެކު ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް: ނަޝީދު

ފުލުހުންގެ ހިދުމަތުގެ ބިލާއެކު ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ތަސްދީގު ކުރައްވާފައެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ފުލުުހުންގެ ބީލް ގެ މި އިސްލާހު ތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެތައް ބަޔަކާ އެ މުއައްސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި  ތިބި އިސްލާހު ތަކެއް ކަމަށެވެ. “މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް،” – ރައީސް ނަޝީދު

އެ ބިލަކީ، މިމަހުގެ ހައެއް ވީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާން ކޮށްފައިވެއެވެ.

އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގަނޫނުއަސާސީއާއި، ގަނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން ހިމެނެއެވެ.

އަދި ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހްތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ހަމައެހެންމެ، ރައްޔިތުންނާ ގުޅިގެން ހިދުމަތް ދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ހިދުމަތުގެ އަމާޒާއި، މަގްސަދާއި، މަސްއޫލިއްޔަތާއި، ހިދުމަތާއި، ބާރާއި އިހްތިޔާރުތައް ގާނޫނު އަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން އެ ބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!