ފްލައިން ސްކޫލް މައްސަލާގައި މަޖިލީހުގެ ކޮމިޓީ އައްޑޫއަށް

އައްޑޫ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ 6 މެމްބަރަކު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދަނީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ. މި ދަތުރާއި ގުޅޭގޮތުން މިވަގުތު އައްޑޫ ސިޓީގައި ހުންނެވި ކޮމިޓީގެ މުޤައްރިރު ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، މި ދަތުރަކީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލާގައި ފްލައިން ސްކޫލުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ކުރައްވާ ދަތުރެއްކަމަށެވެ.

މިދަތުރުގައި މިކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކާއި، ފްލައިން ސްކޫލުގެ ދަރިވަރުންނާއިވެސް ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުގައި ހުރި މައްސަލަތައް ދެނެގަނެ، އެކަމާއި ގުޅޭ ރިޕޯޓް މަޖިލިސް ހުޅުވުމުގެ ކުރިން ނިންމައި، ތަޅުމަށް ފޮނުވުމަކީ ކޮމިޓީގެ އެންމެބޮޑު އަމާޒުކަމަށް ކޮމިޓީގެ މުޤައްރިރު ވިދާޅުވިއެވެ.

އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ގިނަ ކަންބޮޑުވުންތަކެއް ސްކޫލްގެ މެނޭޖްމަންޓާއި ގުޅޭގޮތުން ހުރިއިރު، މެނޭޖްމަންޓުން ނިންމާފައިވާ ބައެއް ނިންމުންތައް އަނބުރައި ގެންދިއުމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ދަންނަވާފައެވެ. އެގޮތުން އައްޑޫ ފްލައިންގ ސްކޫލުން ދަރިވަރުން ވަކި ކުރަމުންދާ މައްސަލައާއި ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާޠިލުކުރުމަށް އެ ސްކޫލަށް އަންގާފައިވާކަމަށެވެ. އަދި އެ ސްކޫލުން އެގޮތަށް ޢަމަލު ނުކުރާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓު ކުރުމަށާއި، މިގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަޤީންކަންވެސް އެ މިނިސްޓްރީން ވަނީ ދެއްވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!