ބީއެމްއެލް އިސްލާމިކްއިން ގްރީން ފައިނޭންސިންގ ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް “ގްރީން ފައިނޭންސިން” ތައާރަފު ކޮށްފި އެެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ އިސްލާމިކް ފައިނޭންސް ލިބޭނީ، އެނާޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވާ ޖެނެރޭޓް ކުރުން ފަދަ ޕްރޮޖެކްޓްތައް ހިންގުމަށްކަމަށެވެ.

ބީއެމްއެލް އިސްލާމިކުން ބުނީ، ގްރީން ފައިނޭންސިން މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި 12 ޕަސެންޓްގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރާނެ އެވެ. އަދި ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެ ފައިނޭންސަށް އެދި ހުށަހަޅާއިރު އަމިއްލަ އަށް އެއްވެސް ހަރަދު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކުން 20 މިލިއަން ރުފިޔާއާ ހަމަަޔަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް 10 ޕަސެންޓް ގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިން ދޫކުރެ އެވެ. އެ ފެސިލިޓީ އަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ހަރަދުގެ 15 ޕަސެންޓް އަމިއްލަ އަށް ހަރަދު ކުރަން ޖެހެ އެވެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހެ އެވެ. އެ ފައިނޭންސިންނަށް އަނބުރާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ބީއެމްއެލް އިސްލާމިކުން ކަނޑައަޅާފައިވަނީ 20 އަހަރެވެ.

ބީއެމްއެލް އިސްލާމިކުގެ ޑިރެކްޓަރު ސުރީ ހާނިމް މުހައްމަދު ވިދާޅުވީ އެ ތައާރަފު ކުރެވުނު ގްރީން ފައިނޭންސިންނަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލާފައި ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!