ހަތަރު ރަށަކުން މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރު ކޮށްފި

ހަތަރު ރަށަކުން މަސްތުވާ ތަކެތީގެ މައްސަލައެއްގައި އަށް މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކޮށްފައިވަނީ ނ. ވެލިދޫ އިންނާއި، ތ. ވިލުފުށިންނާއި، ދ. ކުޑަހުވަދޫއިން އަދި މ. ވޭވަށުންނެވެ.

ފުލުހުން ބުނީ، ވެލިދޫއިން ހައްޔަރު ކޮށްފައި ވަނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ޕެކެޓާއެކު 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެނެއްގެ އިތުރުން 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. ހައްޔަރުކޮށްފައިވަނީ އިއްޔެ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުރިގޮތުން ތުހުމަތު ކުރެވިގެނެވެ.

ވިލުފުށިން ހައްޔަރުކުރީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތު ދީފައި ވެއެވެ.

ކުޑަހުވަދޫން މީހަކު ހައްޔަރު ކުރީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ވެގެނެވެ.
ވޭވަށުން ހައްޔަރުކުރީ، މާލެއިން ވޭވަށަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!