ކުއްލި ހާލަތު އުވާނުލެވޭތީ ގާނޫނު އިސްލާހުކޮށްދޭން ގޮވާލައިފި

ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިނަމަ، ކޮވިޑް ކޮންޓްރޯލްކުރަން ދަތިވެދާނެ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާތީ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު އިސްލާހުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު އެދިވަޑައިގެންފި އެވެ.

މިއަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަނާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. 

ކައުންސިލް އިންތިހާބު ފަސްކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއިރު އެ ގާނޫނު ބުނާގޮތުން، އެ ތަސްދީގުކުރާތާ އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ. އެެހެންކަމުން، އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ.

މިހާރު އިންތިހާބު ބާއްވަން އީސީން މަސައްކަތްކުރަމުން އަންނަނީ މާޗް މަހުގެ ހައެއް ނުވަތަ 23 ގަ އެވެ. އެހެންނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

އިންތިހާބު ބާއްވަން އިދާރީގޮތުން ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއްވުމަށް ފަހު ވަނީ އެޗްޕީއޭއާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮންއިރަކުތޯ ބެލުމަށް އެ ބައްދަލުވުން ބޭއްވިއިރު އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ބައްދަލުވުމުން ވެސް އެއް ނަތީޖާއަކަށް ވާސިލުވެވިފައި ނުވާ ކަމަށެވެ.

އެގޮތުން ކޮވިޑްގެ ނަމްބަރުތައް ދަށްވި ނަމަވެސް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވެން ނެތް ކަމަށް އެޗްޕީއޭ އިން ބުނާއިރު އެކަމަށް އިޝާރާތްކުރައްވާ، އީސީގެ މެމްބަރު ހަބީބް މިވަނީ ގާނޫނު އިސްލާހުކޮށްދޭން ސަރުކާރަށް ގޮވާލާފަ އެވެ.

އެގޮތުން ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދިނުމަށް އެ ގާނޫނުގެ 7 ވަނަ މާއްދާ އަވަހަށް އިސްލާހްކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!