ކޯވިޑްގެ އަދަދު ހިފެހެއްޓިފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުން: އެމްއާރުއެމް

ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކަމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީ ކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުނާމީ ކާރިސާގައި ދިވެހިރައްޔިތުން ދެއްކި މަތިވެރި ޤައުމީ ރޫޙުގެ ހަނދާން އާކޮށް، އެއިން ޢިބްރަތް ލިބިގަންނަން ޖެހޭކަމަށެވެ. އަދި އެ ދުވަހު ދިވެހި ރައްޔިތުން އިސްކޮށްފައިވަނީ ޤައުމީ އެއްބައިވަންތަ ކަމާއި ޤައުމީ މަސްލަޙަތު ކަމަށެވެ. ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަމަށާއި، އެގޮތުން، ކޯވިޑް-19 އިގެ މިހާލަތުގައިވެސް ސަރުކާރާއެކު ދިވެހި ރައްޔިތުން ދައްކުވައިދީފައިވަނީ ޤައުމީ އެއްބައިވަންތަކަމުގެ ފުރިހަމަ މިސާލުކަމަށް މިބަޔާނުގައިބުނެފައިވެއެވެ.

“ކޯވިޑް-19 ބަލި ޖެހޭ މީހުންގެ އަދަދު ދަށުގައި ހިފެހެއްޓިފައި މިވަނީ އެއްބައިވަންތަކަމާއެކު، އަޅުގަނޑުމެން ސަމާލުވެ ތިބެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ދޫކޮށްނުލާތީ” އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.

މީގެ16 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ހާލަތުގައި އޭރުގެ ވެރިކަމުގެ ހުންނެވީ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ރައީސް މައުމޫން ނިސްބަތްވާ އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ހިނގާދިޔަ ހިތާމަވެރި އަދި ބިރުވެރި ހާދިސާ ކަމަށްވާ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ރައްޔިތުން ދެއްކި އަޚުވަންތަ ކަމާއި އެއްބައިވަންތަކަން ފާހަގަ ކުރުމުގެ ގޮތުންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!