އިންޑިއާއިން އެތެރެވި ޒުވާނެއްގެ އަތުން ކެނެބިހާއި ހަޝިޝް އޮއިލް

އިންޑިއާއިން ރާއްޖެއައި މީހަކު އެތެރެކުރި ކެނަބިހާއި ހަޝިޝް އޮއިލްތަކެއް އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ވިދާޅުވީ މި މިހާއަކީ މިމަހުގެ 23 ވަނަދުވަހު ރާއްޖެ އެތެރެވި އުމުރުން 27 އަހަރުގެ އިންޑިއާ ފިރިހެނެއްކަމަށެވެ.

ކަސްޓަމްސް އިން ވިދާޅުވީ މީނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން އޭނާގެ ލަގޭޖް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. މިގޮތުން އޭނާގެ ލަގޭޖުން ފެނުނު ހިކިފަތްތަކެއް ޓެސްޓްކުރުމުން އެއީ ކެނަބިސްކަން ތަހުލީލުތަކުން ދައްކާފައިވާކަމަށެވެ. އަދި އޭނާގެ ލަގޭޖް އިތުރަށް ބަލާ ފާސްކުރިއިރު ހަޝިޝް އޮއިލް ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މިތަކެތީގެ ބަރުދަނުގައި 36 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ހަތްހާސް ހަތްސަތޭކަ ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް މި މީހާއާއި އޭނާ އެތެރެކުރި ތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.

ރާއްޖެއަށް އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގައި ޝާމިލުވާ ނެޓްވޯކްތައް ފުލުހުން އަންނަނީ ހިފާ ހައްޔަރުކުރަމުންނެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!