މި ކިޔައިދެނީ ކާޖޮލްގެ ރީތިކަމުގެ ސިއްރުތައް

ކާޖޮލް އަކީ ބޮލީވުޑްގައި ތިބި އަބަދަށްފެހި، ރީތި ބަތަލާއިންގެ ތެރެއިން ގުނާލެވޭ އެކެކެވެ. އުމުރުން 40ން މައްޗަށް ގޮސްފައި ވިޔަސް ކާޖޮލްގެ ރީތިކަމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމުގެ ފަހަތުގައިވާ ސިއްރުތައް، ‘އީޓައިމްސް’ ނޫހުން މިވަނީ ކާޖޮލްގެ ފޭނުންނާ ހަމައަށް ގެނެސްދީފައެވެ.

ކާޖޮލް އާ ހަވާލާދީ އެ ނޫހުން ލިޔެފައިވާ ގޮތުގައި، ކާޖޮލް އަކީ އޭނާގެ ހަންގަނޑަށް ވަރަށް ފަރުވާ ބަހައްޓާ މީހެކެވެ. އެގޮތުން، މޭކަޕް ކުރާ ދުވަހެއް ވެއްޖިއްޔާ އެ މޭކަޕްތައް ފޮހެފައި ނޫނީ ނިދަން އޮށޯތުމަކީ އޮޅިގެން ވެސް އޭނާ ކުރާނެ ކަމެއް ނޫން ކަމަށް ބުނެއެވެ. އަދި ހެނދުނު ހޭލައިގެން ކްލެންސާ އަކުން މޫނުދޮވެ، ޓޯނާއެއް ބޭނުންކުރުމަށްފަހު މޮއިސްޗަރައިޒާ ވެސް މޫނުގައި އުނގުޅާ ކަމަށް ބުންޏެވެ. އެއީ ކާޖޮލްގެ ކޮންމެ ދުވަހެއްގެ “ބިއުޓީ ރޫޓީން” އެވެ. 

މީގެ އިތުރުން، ހަންގަނޑާއި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކާޖޮލް ކޮންމެދުވަހަކުވެސް ގިނައިން ފެންބޮއެ، މަދުވެގެން 60-90 މިނިޓު ވަންދެން ކަސްރަތު ކުރެއެވެ. އަދި ދުވާލުގައި ވަގުތުގައި ބޭރަށް ނުކުންނަންޏާ އިރުގެ އަލިން ހަންގަނޑު ސަލާމަތް ކުރުމަށް ސަންސްކްރީން އުނގުޅައެވެ.

ކާޖޮލް އަކީ ކެއުމުގައި މަސް ބޭނުންކުރާ މީހެއް ކަމުން، އޭގެން ލިބޭ އޮމެގާ-3 ފެޓީ އެސިޑްސް ގެ ސަބަބުން ހަންގަނޑު އޮމާންކޮށް ދުޅަހެޔޮކޮށް ދަމަހައްޓައިދޭ ކަމަށް ބުނެއެވެ. ހަމައެހެންމެ، ރޭގަނޑު އަވަހަށް ނިދުމާއި، ކޮންމެ ރެއަކު މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަކުރުމަކީ ވެސް އޭނާގެ ރީތިކަމުގެ ސިއްރެއް ކަމަށް ބުނެއެވެ.

ކާޖޮލް އަކީ މަޖާމިޒާޖެއްގެ މީހެއް ކަމުން، ހުނުމަކީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ހުނުމަކީ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ “ކަސްރަތެކެވެ”. އަދި އޭގެ ސަބަބުން ލޮލުގެ ފެނުން އިތުރަށް ރަނގަޅުވެ، ހަންގަނޑު އުޖާލާކޮށްދިނުމުގެ އިތުރުން އިސްތަށިގަނޑު ދުޅަހެޔޮކޮށްދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!