އާތިޔާއަށް އެންމެ ކަމުދަނީ ބައްޕަގެ ކޮން ފިލްމުތަކެއް ކަން އެނގޭތަ؟

އާތިޔާ ޝެޓީ އަކީ ކާކުކަން ބައެއް މީހުންނަށް ނޭނގުނަސް، އޭނާގެ ބައްޕަ ސުނިލް ޝެޓީ ނުދަންނަ މީހަކު މަދުވާނެއެވެ. ސުނިލް ޝެޓީ އަކީ 1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ ކުރީކޮޅާ ހަމައަށް ބޮލީވުޑްގައި ތިބި އެންމެ ގުނާލެވޭ ބަތަލުންގެ ތެރެއިން އެކެކެވެ.

އާތިޔާ، 28، އަކީ ވެސް ބޮލީވުޑްގެ މަދު ފިލްމުތަކަކުން ފެނިފައިވާ ޒުވާން ބަތަލާއެކެވެ. ބައްޕަގެ ފިޔަވަޅު މަތިން ފިލްމީ ދާއިރާއަށް ތަޢާރަފްވުމުން ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ އާތިޔާ އަކީ ވެސް އެ ދާއިރާގައި އުސްމިނާ ހަމައަށް ފޯރާނެ ތަރިއެއް ކަމުގައެވެ. ނަމަވެސް ދެތިން ފިލްމަކުން ފެނުމަށްފަހު އާތިޔާގެ މާ ބޮޑު ކުރިއެރުމެއް ފެނިފައެއް ނުވެއެވެ.

ކޮންމެއަކަސް، ބައްޕަ ފަދަ ތަރިއަކަށް ނުވެވުނަސް އާތިޔާގެ ހިތުގައި ބޮލީވުޑަށް އޮންނަ ލޯތްބަކަށް ބަދަލެއް ނާދެއެވެ. އެގޮތުން އޭނާ ވަނީ ދާދިފަހުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ނޫހަކަށް އިންޓަވިއުއެއް ދީފައެވެ. އެ އިންޓަވިއުގައި އާތިޔާ ވަނީ، ބައްޕަގެ ފިލްމީ ކެރިއަރުން އޭނާއަށް އެންމެ ކަމުދާ ފިލްމުތަކުގެ ލިސްޓެއް ކިޔައިދީފައެވެ.

“ހީރޯ” ގެ ބަތަލާ ކިޔައިދިން ގޮތުގައި، ބައްޕަ ކުޅެފައިވާ ފިލްމުތަކުން އޭނާއަށް އެންމެ ކަމުދަނީ “ދަޅްކަން”، “ހީރާ ޕޭރީ” (2000)، “އާވާރާ ޕާގަލް ދީވާނާ” (2002) އަދި “މޭ ހޫ ނާ” (2004) އެވެ. މިއީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ފިލްމުތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!