މިފްކޯ ތަރައްގީކުރަން ރާވާފައިވާ ގޮތަށް ކުރިއަށް ދެވިއްޖެނަމަ، މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މިފްކޯގެ ތަރައްގީއަށް ރާވާފައިހުރި މަޝްރޫއުތަކަކީ މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ލިބޭނެ މަޝްރޫއުތަކެއް ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ތަނުގައި މިފްކޯއަކީ މަސްވެރިން އަތުން މަސް ގަނެ، މަސް ޕްރޮސެސް ކުރެވޭނެ ކުންފުންޏަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފްކޯއިން ކުރިއަށް ރާވާފައިހުރި މަޝްރޫއުތަކުގެ ތެރޭގައި އެކި ރަށްރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތަކާއި ބްރައިން ފެސިލިޓީ ގާއިމުކުރުމާއި މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުން ހިމެނެ އެވެ.
“ޖުމުލަކޮށް މިހިރީ މަސްވެރިންނަށް ހިތްހަމެޖުން ގެނެސްދޭނެ ޕްރޮޖެކްޓުތައް. މިފްކޯ މި ސިނާއަތުގައި ދެމިއޮވެ، ތަރައްގީވާއިރު މަސްވެރިންނަށް ހިތްހަމަޖެހުން ލިބޭނެ.” އިސްމާއިލް ވިދާޅުވި އެވެ.
“އުންމީދަކީ މަސްވެރިންނާ އެއްކޮށް މި ސިނާއަތް ތަރައްގީކޮށް، މަސްވެރިންގެ ބައިވެރިވުންވެސް އޮންނަ ގޮތަށް މިފްކޯ ކުރިއަށްދާން. މާނައަކީ މަސްވެރިންގެ ހިއްސާ މަސްވެރިންނަށްވެސް އޮވެ، ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އޮންނަ ގޮތަށް މިފްކޯ ތަރައްގީކުރުން.” އިސްމާއިލް ވިދާޅުވި އެވެ.