މާލޭ ސިޓީ ކައުންސިލް އިން މާލެތެރެ ސާފު ކުރުމުގެ މަސައްކަތް ފައްޓައިފި

މާލޭ ސިޓީ ކައުންސިލް އިން މާލެތެރެ ސާފު ކުރުމުގެ މަސައްކަތް ފައްޓައިފިއެވެ.

މާލެ ސިޓީ މޭޔާރު ޝިފާ މުހައްމަދު ވިދާޅުވީ، މާލޭގައި އެކި ސަރަހައްދުތަކަށް މީހުން ކުނިއަޅާފައި ހުންނަ ތަންތަން ސާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ސިޓީ ކައުންސިލުން ސާފު ކުރަމުން ދަނީ ނީލަން ފިހާރަ ސަރަހައްދެވެ.

މާލޭގެ މަގުމަތީގައި އެކި ސަރަހައްދުތަކުގައި އަދިވެސް ކުނި ބަހައްޓާފައި ހުންނަ ތަން ފެނެއެވެ. ބާވެފައި ހުންނަ ފިލާތަކާއި ގޮދަޑި ފަދަ ސާމާނު ވެސް މަގުމައްޗަށް ނެރެފައި ހުންނަ އިރު އެފަދަ ތަކެތި އުކާލެވޭނެ އިންތިޒާމްތައް ވެމްކޯއިން ހަމަޖެހިފައި އޮވެއެވެ. ގޭގެއިން ނެރޭ މިފަދަ ބޮޑެތި ކުނިތައް އުކާލުމަށް ވެމްކޯއިން އެހީތެރިކަން ފޯރުކޮށްދޭ އިރު ވެސް މީހުން މިފަދައިން މަގުމައްޗަށް ކުނި އަޅާތީ އެކަމުގެ ކަންބޮޑުވުން މޭޔަރު ހިއްސާ ކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ، ރާއްޖެއިން ބޭރު އެހެން ގައުމުތަކުގައި މަގުމައްޗަށް ކުނި އަލާ މީހުން ޖޫރިމަނާ ކުރާ ކަމަށެވެ. ރާއްޖޭގައި މި ފަދައިން ކުނި އަޅާ ފަރާތްތަކަށް ކުނި އުކޭނެ ގޮތްތައް އޮތް އިރުވެސް ވެމްކޯގައި ރަޖިސްޓާ ނުކޮށް މާލެ މަގުތަކުން އެކި ސަރަހައްދަށް ކުނި އަޅަމުން ދާ ކަމަކީ ހިތާމަ ކުރަންޖެހޭ ކަމެއް ކަމަށް ޝިފާ ސިފަކުރެއްވިއެވެ.

މިއަދު މާލެ ސަރަހައްދު ސާފު ކުރުމަށްފަހު ކުނި ގިނަކޮށްފައި ހުރި ސަރަހައްދުތައް ފާހަގަކޮށް އެތަންތަނުގެ ލިސްޓެއް ހާމަ ކުރައްވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. މިއަދު މާލެ ސިޓީގައި މުވައްޒަފުން މަދު ކަމާއި މާލޭގެެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް ހާއްސަ ފުލުހުންގެ ފޯހެއް ގާއިމްކޮށްފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިފަދަ ކަންކަން ހައްލު ކުރުމަށް މާލެ ސިޓީގެ ދަށުން މަގުމަތި ބަލަހައްޓަން ފުލުހުން ތިބޭ ނަމަ ވަރަށް ބޮޑު ތަފާތެއް ގެނެވިދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!