ކޮވިޑަކީ ލޮލަށް ނުފެންނަ ބޮޑު ސުނާމީއެއް: ފޮރިން މިނިސްޓަރު ޝާހިދު

ކޮވިޑަކީ މުޅި ދުނިޔެ ސުންނާފަތި ކުރަމުން އަންނަ، ލޮލަށް ނުފެންނަ ބޮޑު ސުނާމީއެއްގެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސިފަކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ހެނދުނު ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރައްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީގައި ރާއްޖެއަށް ލިބުނު ގެއްލުން ވަރަށް ގާތުން އެ މަނިކުފާނަށް ފެނިވަޑައިގެން ކަމަށެވެ.

އެދުވަހު ރާއްޖެއަށް ލިބުނު ގެއްލުންތައް މިނިސްޓަރު ސިފަކުރެއްވީ ހަނގުރާމައިގެ މައިދާނެއްގައި ލިބުނު ގެއްލުންތަކެއް ފަދައިންނެވެ.

“އަޅުގަނޑުމެންގެ ގެދޮރާއި އަޅުގަނޑުމެން ބިނާތައް ފުނޑުފުނޑުވެ ރަށްތައް ގޮވާފައި ހުއްޓާ އަޅުގަނޑު ދުށިން. ރާއްޖޭގެ ލޮލުން އެދުވަހު އަންނަމުން ދިޔަ ކަރުނަ އަޅުގަނޑު ވަރަށް ގާތުން ދުށިން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސުނާމީގައި ލިބުނު ގެއްލުމާއި، ހިތްދަތިކަމާއި ބިރުވެރިކަމުން އަރައިގަތުމުގައި ރާއްޖެ ހޯދި ކާމިޔާބީގެ ހަގީގީ މަސްދަަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ކަމަށެވެ.

ސުނާމީގެ ހިތްދަތި ދުވަސްތަކަށް 16 އަހަރު މިއަދު ވެގެންދާއިރު ދިވެހި ރާއްޖެއާއި، މުޅި ދުނިޔެ ކުރިމަތިލާފައިވަނީ މާނުރައްކާތެރި ލޮލަށް ނުފެންނަ ސުނާމީއަކާއިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކޯވިޑްގެ ނުރައްކާތެރި ވައިރަސްގައި ދުނިޔޭގެ އެތައް ބަޔަކު މަރުވެ، އެތައްބަޔަކު މިކަމުގެ ހިތްދަތިކަމުގައި އުޅެމުންދާކީ މިއަދު އޮތް އެންމެބޮޑު ގޮންޖެނުންކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްވެސް ދިވެހި ޚިދުމަތްތެރިން ދައްކަމުންދާ ހިތްވަރާއި، އެއްބައިވަންތަކަމަކީ ޝުކުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެއްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެންނަށް މިއަދު ހަމަލާ ދެމުން މިދާ ސުނާމީ އަކީ ކުދިކުދި ވައިރަސްތަކެއްގެ ސިފައިގައި އަޅުގަނޑުމެންގެ މުޅި މުޖުތަމައުއަށް ހަމަލާދެމުންދާ ސުނާމީއެއް. މުޅި ދުނިޔެ ފަނާކުރަމުންދާ ސުނާމީއެއް. މުޅި ދުނިޔޭގެ ހުރިހަ ބޯޑަރުތައް ބަންދުކޮށް ދުނިޔޭގެ ހުރިހާ ގުޅުންތައް ބުރި ބުރި ކުރަމުންދާ ސުނާމީއެއް. އަޅުގަނޑުމެންގެ ތެރެއިން ގިނަ އަޚުންނާއި، އުޚުތުން އެނުރައްކަލުގައި އެވަބާގައި ޖެހި، އަޅުގަނޑުމެންނައި ވަކިވެ އަލްވަދާއު ކިޔާފައިވާ ސުނާމީއެއް. އެހެން ނަމަވެސް މިނުރައްކާތެރި ދަނޑިވަޅުގައިވެސް ދިވެހި ރާއްޖޭގެ ރައްޔިތުން ދައްކަވަމުން ގެންދަވާ ވަރުގަދަ ހިތްވަރާއި، އެކުވެރިކަމަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން” މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ސުނާމީ ހާދިޘާގައާއި، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލް އަޤުވާމީ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖެއަށް މިފަދަ ހިތްދަތިކަމުން އަރައިގަނެވުމުގައި ލިބުނު ބޭރުގެ އެހީތެރިކަމަކީ އަބަދުވެސް ދީލަތިކަމާއިއެކު ލިބެމުންދާ އެހީތަކެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!