40 ހާހަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް ނެރެފި

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 40185 އެނދު އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމުގެ 40ހާހަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް ގެނެވިފައިވާއިރު، މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 32380 އެނދާއި، ހޮޓާތަކުގެ 1186 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2521 އެނދު އަދި ގެސްޓުހައުސްތަކުގެ 4098 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

އަލުން އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ އަދަދުތަކަށް ބަލާލާއިރު، 139 ރިސޯޓު، 10 ހޮޓާ، 130 ސަފާރީ އަދި 210 ގެސްޓުހައުސް ހިމެނޭހެން ޖުމަލް 489 ޓޫރިސްޓު ފެސިލިޓީއެއްވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ.

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަން އަލުން ހުޅުވަމުންދާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް 142210 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. މަހުން މަހަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ވަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 66069 ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ މިދިޔަ މަހު ރާއްޖެއަށް އައި 35759 ފަތުރުވެރިންނާއި އަޅާ ބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާއިރު އެވްރެޖްކޮށް ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް މިހާރު 2873 ފަތުރުވެރިން އާދެެއެވެ.
މިދިޔަ މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އައިސްފައިވަނީ 1192 ފަތުރުވެރިންނެވެ.

ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!