ރޯހަންޕްރީތު އިންނަން އެހި ގޮތް ނޭހާ ކިޔައިދީފި

ކުއްލި ގޮތަކަށް ކައިވެނިކޮށް ފޭނުން ހައިރާންކޮށްލި އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު، އޭނާގެ ފިރިމީހާއާ ދިމާވި ގޮތާއި، ކައިވެންޏަށް އެހި ގޮތް ކިޔައިދީފިއެވެ.

ނޭހާ ރޯހަންޕްރީތާ ދިމާވީ މިދިޔަ އޯގަސްޓު މަހު ތެރޭގައި، އެދެމީހުން އެކުގައި ލަވައެއްގެ މަސައްކަތް ކުރުމުގެ ތެރެއިންނެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވަނީސް ފެނުނީ އެދެމީހުން ލޯބީގެ ގޮތުން ގުޅި، ކައިވެނި އިޢުލާނުކުރި ތަނެވެ. މިކަމާ ބެހޭގޮތުން “ދަ ކަޕިލް ޝަރްމާ ޝޯ” ގައި ތަފްސީލުކޮށްދެމުން 32 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ، ލަވައިގެ މަސައްކަތް ކުރިފަހުން ނޭހާގެ ސްނެޕްޗެޓް އައިޑީ ދިނުމަށް ރޯހަންޕްރީތު އެދުނެވެ. އަދި އޭގެފަހުން ސްނެޕްޗެޓުން ދެމީހުން ވާހަކަ ދައްކަމުން ގޮސް ގާތްވީ ކަމަށް ބުންޏެވެ.

“އެކަމަކު އަހަރެން ރޯހަން ކައިރީ ސާފުކޮށް ބުނިން، ލޯބީގެ ގުޅުމަކަށްވުރެ ކައިވެންޏެކޭ އަހަރެން ބޭނުންވަނީ. އެއީ މިހާރު އަހަރެން މިހުރީ ކައިވެނިކުރާ އުމުރަށް އަޅާފައޭ”، ނޭހާ ކިޔައިދިނެވެ.

ނަމަވެސް ނޭހާ ބުނީ، އަދި ކައިވެންޏަކާ ހަމައަށް ދާން ބޭނުންނުވާ ކަމަށް ރޯހަންޕްރީތު އޭރު ބުނެފައިވެއެވެ. ސަބަބަކީ ރޯހަންޕްރީތުގެ އުމުރުން 25 އަހަރު ކަމުން، އެއީ ކައިވެނިކުރަން ރަނގަޅު އުމުރެއް ކަމަށް އޭނާއަށް ނުފެންނާތީއެވެ. އެއާއެކު، ނޭހާއާއި ރޯހަންޕްރީތު އެކަކު އަނެކަކާ ވާހަކަ ދެއްކުން ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔައެވެ.

އެހެން ހުއްޓައި އެއްރޭ ކުއްލިއަކަށް ރޯހަންޕްރީތުގެ ފޯން ކޯލެއް ނޭހާއަށް އައެވެ. ނޭހާ ފޯނު ނެގުމުން ރޯހަންޕްރީތު ބުނީ ނޭހާއާ ނުލައި ނޫޅެވޭނެ ކަމަށާއި، ކައިވެނިކުރަން ތައްޔާރު ކަމަށެވެ. “ރޯހަން އަހަރެން ކައިރީގަ ބުނީ ނޭހޫއޭ، ތިބާއާ ނުލައި އަހަންނަކަށް ނޫޅެވޭނެއޭ، ހިނގާށޭ ކައިވެނިކުރަން”.

ނަމަވެސް އެރޭ ރޯހަންޕްރީތު ގުޅިއިރު ހުރީ ރާބޮއެގެން މަސްތުވެފައި ކަމަށާއި، އެހެންކަމުން އޭނާ ކިއީ އެއްޗެހި ސީރިއަސްކޮށް ނުނަގާ ކަމަށް ނޭހާ ބުންޏެވެ. “އަހަރެން ހިތަށް އެރީ އޭނާ އެހުރީ ދެތިން ބިއަރު ބޯލައިގެނޭ، އެހެންވީމަ އެކިޔޭ ނުކިޔޭއެއް އަސްލު ނޭނގޭނެއޭ. އަދި ހެނދުނުވީމަ އެއްވެސް ކަމެއް ހަނދާނެއް ނުހުންނާޔޭ”.

އެއަށްފަހު އޭގެ އަނެއްދުވަހު ނޭހާ ޗަންޑީގަޅަށް ޝޫޓަކަށް ދިޔައިރު، ރޯހަންޕްރީތު އޭނާގެ ފަހަތުން ހޮޓެލް ރޫމާ ހަމައަށް އައި ކަމަށް ބުންޏެވެ. “ރޯހަން އައިސް އަހަނީ ރޭގެ ވާހަކަ ހަނދާން އެބަހުރިހޭ. އެހިސާބުން އަހަންނަށް ވިސްނުނީ އޭނަ އަސްލުވެސް އަހަންނާ އިންނަން ބޭނުންވާކަން”، ނޭހާ ކިޔައިދިނެވެ.

އެއާއެކު ޖަވާބަކަށް ނޭހާ ބުނީ އޭނާގެ މަންމައާ ވާހަކަ ދެއްކުމަށެވެ. އަދި ރޯހަންޕްރީތު އެކަންވެސް ކުރި ކަމަށާއި، ނޭހާގެ މަންމައަށް ރޯހަންޕްރީތު ވަރަށް ކަމުދިޔަ ކަމަށް ނޭހާ ބުންޏެވެ. އެ ކައިވެނި ކުރެވުނު ގޮތަކީ އެއީ ކަމަށް އޭނާ ބުންޏެވެ.

ދާދިފަހުން ނޭހާ އިނީ ބަލިވެ ކަމަށްބުނެ މީސްމީޑިއާގައި ޚަބަރު ފެތުރިފައި ވެއެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި ނޭހާ ބަނޑުބޮޑުކޮށް ހުރި ފޮޓޯއަކީ އެދެމަފިރިން އެކުގައި ކިޔާފައިވާ ދެވަނަ ލަވައިގެ ޕޯސްޓަރު ކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!