ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ޖިހާދަށް ދޭން ދެކޮޅު ހަދައިފި

ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ކުރީގެ ނާއިބް ރައީސް އަބްދުﷲ ޖިހާދަށް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. ކޯޓުގެ މި ނިންމުމާމެދު ޖިހާދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމަށް ތުހުމަތުކޮށް ދައުވާ ވަަނީ އުފުލާފައެވެ. ފުށިދިއްގަރު ފަޅު ތަރައްޤީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައެވެ.

ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ޖިހާދު އެދިވަޑައިގެންފައިވާތީ މިއަދު ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވާފައެވެ. ނަމަަވެސް އެ އަޑުއެހުމުގައި އެ ފުރުސަތު ދިނުމަށް ދައުލަތުން ވަނީ އިންކާރު ކޮށްފައެވެ. ސަަބަބެއް ކަމަށް ބުނެފައިވަނީ ބޭރަށް ވަޑައިގެން ޖިހާދު ފިއްލަވާފާނެ ކަމަށެވެ. ދައުލަތުން އެދުނު ގޮތަށް ފަނޑިޔާރުވެސް ނިންމެވީ ޖިހާދަށް އެ ފުރުސަތު ނުދެއްވުމަށެވެ.

އެ ނިންމުމާމެދު ޖިހާދު އަދި އޭނާގެ ވަކީލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖިހާދަކީ 2003 ވަނަ އަހަރުން ފެށިގެން ހަކުރު ބައްޔަށް ބޭސް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އަދި ވަރަށް ގިނައިން ދުބާއީއަށް ވަޑައިގެން އެ ބައްޔާ ގުޅޭ ތަފާތު ޓެސްޓްތައް ހައްދަވައެވެ. މީގެ ކުރިން ކަރުގެ ސީރިއަސް މައްސަލަތަކެއްވެސް ޖިހާދަށް ކުރިމަތިވެވަޑައިގެންފައެވެ. ޖިހާދުގެ ފަރާތްޕުޅުން ވަނީ ހުރިހާ މެޑިކަލް ސެޓިފިކެޓްތަކެއްވެސް ކޯޓަށް ހުށައަޅާފައެވެ.

އެނގިފައިވާ ގޮތުގައި ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ، ޖިހާދަށް ނުދޭން ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކާފައިވަނިކޮށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!