އިދިކޮޅު ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި

އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން ދީފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ “ވިސްނާ” ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާއަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މާލެ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ ކަމަށެވެ.

ޖަލްސާގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށާ ޖަލްސާގެ ސަލާމަތީ ކަންކަމާއި ގުޅޭގޮތުން މިއަދު ފުލުހުންނާއިވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ ހޮނިހިރު ދުވަހުގެ ޖަލްސާގައި ވަރަށް ހާއްސަ “ސަޕްރައިޒް” އެއް ދޭނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި މި ޖަލްސާގައި އައްޑޫގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަަ ދައްކަވާނެ އެވެ.

މި ޖަލްސާގެ ދައުވަތު ހުރިހާ މަސްވެރިންނާއި ދަނޑުވެރިން އަދި ޓެކްސީ ޑްރައިވަރުންނާއި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ދީފައެވެ. އެ ގޮތުން މަސްދޯނިތަކަށް ހާއްސަ ދައުވަތު ކާޑުތަކެއް މިހާރު ވަނީ ފޮނުވާފައެވެ. އަދި މާރުކޭޓްގެ ހުރިހާ ގޮޅިތަކުގައި ތިބި ދަނޑުވެރިންނަށް ހާއްސަ ދައުވަތެއް ދީފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޖަލްސާގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!