އިބްތިހާލް މަރުގެ މައްސަލައިގެ ހުކުމް އިއްވުން ހޯމަ ދުވަހު

ވ. ރަކީދޫގައި އަނިޔާކޮށް، މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އެ ކުއްޖާގެ މަންމަ ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ހުކުމް ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.

އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ، އަންނަ ހަފުތާގައި އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ. އަދި ބަދަލެއް ނާންނަ ނަމަ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް ހުކުމް އިއްވުން ހޯމަ ދުވަހު އޮންނާނެ ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ.

އާފިޔާ އަށް ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދިން ވަކީލު ހުސްނީ މުބާރަކް ޚުލާސާ ބަޔާން ހުށަހަޅަމުން ވިދާޅުވީ، އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސްވިޔަސް، އެކަމަށް ފަހުން އިންކާރު ކޮށްފައިވާ ކަމަށާއި އަދި އޭރު އެއްބަސްވީ ޖަލުގައި ތިބި އޮފިސަރުންތަކެއް ބިރު ދެއްކުމުން ކަމަށް އާފިޔާ ބުނެފައިވާ ކަމަށެވެ. އެކަން ނަފީ ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެހެންވެ، އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް އެ ކުށް ސާބިތު ނުވާނެ އޭނާ ވިދާޅުވި އެވެ.

ވަކީލް ހުސްނީ ވިދާޅުވީ އިބްތިހާލަށް އާފިޔާ އަނިޔާ ކުރަނިިކޮށް އެ މަންޒަރު ފެނުނު އެއްވެސް މީހަކު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންވުމުން އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑުން ގަސްދު މަރެއް އާފިޔާގެ މައްޗަށް ސާބިތު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހެކިންގެ ހެކި ބަހުން ހަމައެކަނި އެނގެން އޮތީ ދަރިފުޅަށް އާފިޔާ އިހުމާލުވެފައިވާ ކަން ކަމަށާއި، އާފިޔާ ކުރި ކަމެއްގެ ސަބަބުން ގަސްތު މަރު ސާބިތުކުރެވޭ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާކަމަށްވެސް ވަކީލު ވިދާޅުވި އެވެ.އަދި ދަރިފުޅަށް އަނިޔާކުރީ ގަސްތުގައި މަރާލުމުގެ ނިޔަތުގައިކަން ދައުލަތުން ސާބިތުކޮށްދޭންޖެހޭނެކަން ވެސް ހުސްނީ އިތުރަށް ފާހަގަކުރެއްވި އެވެ.

މުޅި ގައުމުގެ ސަމާލުކަން އެނބުރިގެންދިއަ މައްސަލާގައި، އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. އައިޝަތު އަލީ ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަކޮށްފައިވެއެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.

ދިފާއުން ބުނީ ހުކުމެއް ނެތި އާފިިޔާ ބަންދުގައި ހުންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ހައްގަކަށް އަރައިގަތުން ކަމަށެވެ. ނަމަވެސް، އާފިޔާގެ ބަންދަށް ލުޔެއް ދޭން ވަކީލު އެދިވަޑައެއް ނުގަންނަވަ އެވެ. އެދިވަޑައިގަތީ ޝަރީއަތަށް ފެންނަ ގޮތަކަށް ބަންދާ މެދު ގޮތެއް ނިންމުމަށާއި އެކަމަކު އެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށެވެ.

ގާޒީ ސަމީރު ނިންމެވީ މައްސަލައިގެ ބާވަތުން އާފިޔާގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށާއި އެހެންވެ، އޭނާގެ ބަންދު އަދިވެސް ދެމެހެއްޓުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!