އާލިއާގެ ގަންގުބާއި ގޮވައިގެން ކޯޓަށް

އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްމު “ގަންގުބާއި ކަތިއަވަދީ” އާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

2021 ގައި އަޅުވަން އޮތް ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ސަންޖޭ ލީލާ ބަންސާލީގެ “ގަންގުބާއި” އާ ދެކޮޅަށް ބޮމްބޭ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނީ ގަންގުބާއިގެ އާއިލާއިންނެވެ. ގަންގޫބާއި ހަރްޖިވަންދަސް އަކީ 1960 ގެ އަހަރުތަކުގައި މުމްބާއީ އަންޑަވޯލްޑް ގައި ވަރަށް ބާރުގަދަ އަންހެނެކެވެ. އޭނާ ވަނީ މުމްބާއީގައި ގިނަ ނާސިގެ ތަކެއް ހިންގައިފައެވެ. އަދި ފަހުން ގަންގޫބައި ވަނީ ސެކްސްކް ވޯކާސްގެ ޙައްޤުތަކަށް ވަކާލާތުކޮށް، އެމީހުން ރައްކާތެރިކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ނާސިގެ ހިންގި މީހަކަށް ވިޔަސް، ގަންގުބާއީ އަކީ ގިނަ ބައެއްގެ އިހުތިރާމު ލިބިފައިވާ އަންހެނެކެވެ. ސަބަބަކީ، އޭނާގެ މާޒީގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެންނާއި، އޭނާއަކީ އެއް އިރެއްގައި ވެސް ހަށިވިއްކަން އަންހެނުންނަށް މަޖުބޫރުކުރި މީހަކަށް ނުވާތީއެވެ. އޭގެ ބަދަލުގައި އޭނާގެ ނާސިގެ ތަކުގައި މަސައްކަތްކުރި އަންހެނުންނަކީ އަމިއްލަ ރުހުމާއެކު އެކަން ކުރި މީހުންނެވެ.

“ގަންގުބާއި ކަތިއަވަދީ” ގެ ޕޯސްޓަރެއްގައި އާލިއާ(ކ) ، އަދި އަސްލު ގަންގޫބާއިގެ ފޮޓޯއެއް (ވ)

ގަންގުބާއި ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވަދެވުނު ގޮތުގައި، އޭނާ ލޯބިން ކައިވެނި ކުރި ފިރިމީހާ މުމްބާއީގެ ނާސިގެއަކަށް 500 ރުޕީސް އަށް އޭނާ ވިއްކައިލުމުންނެވެ. މި ހާދިސާތަކުގެ މައްޗަށް، ގަންގުބާއިގެ ހަޔާތާ ގުޅޭ ފޮތެއް ވެސް ފަހުން ނެރެފައިވެއެވެ. އެއީ “މާފިއާ ކުއީންސް އޮފް މުމްބާއީ” ގެ ނަމުގައި ލިޔުންތެރިޔާ ހުސެއިން ޒައިދީ ލިޔެފައިވާ ފޮތެކެވެ.

“ގަންގުބާއި ކަތިއަވަދީ” ގެ ނަމުގައި ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކުރާ ފިލްމާ ދެކޮޅަށް ހުސެއިން ޒައިދީ ވެސް ކޯޓުގައި މައްސަލަ ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަންގުބާއިގެ އާއިލާއިންނާއި، ހުސެއިން ޒައިދީ މައްސަލަ ހުށަހަޅާފައިވަނީ ފިލްމުގެ ޑައިރެކްޓަރާއި، ބަތަލާ އާލިއާ ބަޓް އާ ދެކޮޅަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!