ފުލުހުން ފްރަންޓްލައިންގެ ހިދުމަތްތައް ހަރުދާނާ ކުރުމަށް މަޝްވަރާކުރުމަށް ސިމްޕޯޒިއަމެއް ފަށައިފި

ފުލުހުންގެ ފްރަންޓްލައިން ހިދުމަތްތައް ހަރުދާނާ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކާމެދު މަޝްވަރާކުރުމަށް ސިމްޕޯޒިއަމެއް ފަށައިފިއެވެ.

“ފްރަންޓްލައިން ޕޮލިސިންގ ސިމްޕޯޒިއަމް” ގެ ނަމުގައި ފެށި މި ސިމްޕޯޒިއަމް ޝަރަފްވެރިކޮށްދެއްވައި ފައްޓަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްކެވި ވާހަކައިގައި، މި ސިމްޕޯޒިއަމްގައި ބައިވެރިވާ މުވައްޒަފުންގެ އިލްމީ އަދި މަސައްކަތުގެ ތަޖުރިބާތައް ހިއްސާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރެވޭނެ ގޮތްތައް ދެނެގަތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ފްރަންޓްލައިންގެ ހިދުމަތްތައް މިހާރު ފޯރުކޮށްދެމުންދާ ގޮތްތަކާއި މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް، ޕްލޭން އެކުލަވާލުމަށް އެދިވަޑައިގެންނެވިއެވެ.

މިމަހުގެ 22 ން 24 އަށް ކުރިއަށްދާ މިސިމްޕޯޒިިއަމްއަކީ ފްރޮންޓްލައިން ޕޮލިސިންގގެ ދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަމަށް ހޯދޭނެ ހައްލުތަކާއިމެދު މަޝްވަރާކޮށް ތަންފީޒީ މަރުހަލާއަކަށް އެކަންތައްތައް ގެންދިއުމަށް ކުރަންހުރި މަސައްކަތްތައް ދެނެގަތުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމެއް ކަމަށް ފުލުހުން ބުނެއެވެ.

މިސިމްޕޯޒިއަމްގައި، ފްރޮންޓްލައިން ޕޮލިސިންގ ހަރުދަނާކުރުމަށް ގެންނަނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، ފްރޮންޓްލައިން ހިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަމަލުކުރާނެ ރާސްތާގެ އަމަލީ އެޖެންޑާއެއް އެކުލަވާލާނެ ކަމަށްވެސް ފުލުހުން މައުލޫމަތު ދެއެެވެ.

ހަމައެއާއެކު ފްރޮންޓްލައިން ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވި، އާއްމު ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ފްރޮންޓްލައިން ފުލުހެއްގެ ޒިންމާއާއި ވާޖިބު އަދާކުރުމުގައި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމުގައި އަދި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަކާއި ހުރަސްތައް އަދި ރަނގަޅު ކުރަން ކުރެވެންހުރި ކަންކަން ދެނެގަނެވިގެން ދާނެކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން ފްރޮންޓްލައިން ފުލުހުންގެ މަސައްކަތްތައް ޓެކްނޮލޮޖީ ދާއިރާއިން އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތަކާއި، މިހާރު ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަތުމާއި، ފުލުހުންނަށް އެންމެ މުހިންމު ތަމްރީންތައް ދެނެގަތުމާއި މިހާރު ދެމުންގެންދާ ތަމްރީންތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތައް ހޯދުމާއި، ފުލުހުންގެ ދައުރު އަދާކުރުމުގައި ގާނޫނުތަކުން ދިމާވާ ދަތިތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެން ދާނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާއި ތަކެއްޗާއިމެދު އަމަލުކުރުމުގައި ތަހުގީގް މަރުހަލާގައި ހުރި ދަތިތަކާއި، ތަހުގީގު މަރުހަލާ ކުރިއަށްދާއިރު ފްރޮންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާއި ތަހްގީގްކުރާ ފަރާތްތައް ގުޅިގެން މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމުގެ އިތުރުން އިންޓެލިޖެންސްގެ އެހީތެރިކަން ފޮރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަތުމާއި އިތުރަށް ރަގަނޅުކުރެވިދާނެ ކަންތައްތައް މި ސިމްޕޯޒިއަމްގެ ތެރެއިން ދެނެގަނެވިގެން ދާނެކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!