ހިޔާ ފްލެޓްގެ ދާއިމީ ލިސްޓް ނެރުން ހުއްޓުވުމަށް އޭސީސީއަށް

ހިޔާ މަޝްރޫގެ ފްލެޓްތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

ބޯހިޔާވަހިކަމުގެ ހައްގާއި އިޖުތިމާއީ އެހެން މައްސަލަތަކުގައި އަޑުއުފުލަން އުފެއްދި ޖަމިއްޔާ، “އާއްމުންގެ އެކުވެރި ގުޅުން” އިން ބުނީ މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާ ލިސްޓުތަކެއް އާއްމުކުރިއިރު އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވީ ދިރިއުޅުމުގެ ހާލަތު ބައިން ކަމަށެވެ.

އެ މިންގަނޑު އިއުލާން ކުރިއިރު، ޝަކުވާ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށާއި ފްލެޓު ކޮމިޓީން ވަނީ، މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި ފައިނަލް ލިސްޓު ނެރޭނެކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ، ފައިނަލް ލިސްޓު ނެރެފިނަމަ، އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އާންމު ނުކުރީ ވަކި ބަޔަކަށް ނާޖާއިޒު މަންފާވާނެ ގޮތަކަށް އަމަލުކުރަން ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ފްލެޓްގެ މައްސަލާގައި ދިރިއުޅުމުގެ ހާލަތުގެ ބައިން ޕޮއިންޓް ދިން ގޮތާއި މެދު ސޯޝަލް މީޑިއާގައި ދެބަސްވުން ބޮޑުވި އިރު ޕޮއިންޓްދިން ގޮތުގެ އުސޫލު ފްލެޓް ކޮމިޓީއިން ހާމަކޮށްފައިވަނީ މިމަހުގެ ކުރީކޮޅެވެ.

އެ ކޮމިޓީން އާންމުކުރައްވާފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޕޮއިންޓް ދިނުމަށް ހާއްސަ މިންގަނޑެއް އެކުލަވައިލައްވާފައި ވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވައިލާފައިވާ މިންގަނޑުގައި ހިމެނޭ މައުލޫމާތު ކުރިން ހާމަކޮށްފައި ނުވަނީ، އެ މައުލޫމާތަކީ ކުރިން ހާމަކޮށްފިނަމަ، އެންމެ އިންސާފުވެރިކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތެއްކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށްވެސް އެ އިއުލާނުގައި ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!