ޖަޕާން މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށްފި

ޖަޕާންގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން އެމްއެމްޕީއާރުސީން މައުލޫމާތުދީފި އެވެ.

ކޮންމެ ގައުމަކަށް ތިން ގަޑިއިރުގެ ހާއްސަ އެއް ސެޝަން ކުރިއަށް ގެންދާ ގޮތަށް ޖަޕާނުގެ ޓްރެވަލް އެސޯސިއޭޝަން، ޖާޓާ އިން ކުރިއަށް ގެންދިޔަ ވެބިނާ ސިލްސިލާ އެއްގައި އެމްއެމްޕީއާރުސީން ބައިވެރިވެފައިވާ އިރު، ރާއްޖެއަށް ހާއްސަ ސެޝަން ބާއްވާފައި ވަނީ މި މަހުގެ 16 ގައެވެ.

އެމްއެމްޕީއާރުސީން މި ވެބިނާ ސިލްސިލާގައި ބައިވެރިވުމުގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތާއި، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އެޅިފައިވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތުގެ އިތުރުން ރާއްޖޭން ފަތުރުވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ޖަޕާންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިއްސާކުރުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ޖަޕާންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަސްސަތޭކަ އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ސެޝަން ފަށާފައި ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދުގެ އިތުރުން ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހީމް އުވައިސްގެ ބަސްފުޅަކުންނެވެ.

އެއަށްފަހު މި ސެޝަންގައި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުންނަ ކަންތައްތަކާއި އާ އާންމު ހާލަތުގައި ރާއްޖެއަށް ދަތުރުކުރުމުގައި އިސްކަންދޭން ޖެހޭނެ ކަންތައްތަކާއި ބެހޭ ގޮތުން ޕްރެޒެންޓޭޝަނެއް އެރުވިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!