ފޮޓޯ: ގޫގުލް

ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މިއަދުގެ އަޑުއެހުން ކުއްލި ގޮތަކަށް ކެންސަލް ކޮށްފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލް ކުރުމަށްފަހު ކުއްލި ގޮތަކަށް ކެންސަލް ކުރަންޖެހިއްޖެއެވެ.

ކްރިމިނަލް ކޯޓުން ބުނީ، ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރަންޖެހުނީ، އަޑުއެހުން ތާވަލްކޮށްފައިވާ 10:00ށް އަޑުއެހުން ބޭއްވުމަށް ތައްޔާރުވެފައިވަނިކޮށް، ސަން ކުންފުނީގެ ފަރާތުން ވަޑައިގެންނެވި ފަރާތަށް ކުއްލި ގޮތަކަށް ސިއްހީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުމުން ކަމަށެވެ. އޭރު އަޑުއެހުމަށް އޭނާއާއެކު އެކުންފުނީގެ ގާނޫނީ ވަކީލާއި ދައުލަތުގެ ވަކީލުން ހާޒިރުވެ ތިއްބެވި އެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާފައިވާއިރު، ދައުލަތުން ވަނީ އެ އަޑުއެހުމުގައި ދައުވާ އިއްވާފަ އެވެ. ދައުވާ އިއްވުމުން ދައުވާ ސާފު ނުވާކަމަށް ވިދާޅުވެ، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ވަކީލުން އެ އަޑުއެހުމުގައި ގިނަ ވަގުތު ހޭދަކުރެއްވި އެވެ. ދައުވާގައި “ފަށަލަކުރުން” ބަޔާން ކޮށްފައިވާތީ މިމައްސަލާގައި ފަށަލަ ކުރުމަކީ ކޮބައިކަން ސާފު ނުވާކަމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން ވިދާޅުވި އެވެ. ނަމަވެސް ފަހުން ދައުވާ ސާފުވާކަމަށް ވިދާޅުވެ، މިމައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް މަދުކަން ފާހަގަ ކުރެއްވުމުން، ގާޒީ ވަނީ މީގެ އެއްމަސް ކުރިން ބޭއްވި އަޑުއެހުމުގައި ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަން ދައުވާ ލިބޭ ފަރާތުން ހާމަކޮށްފައި ނުވާ ކަމަށެވެ.

މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ މަދުވާ ލިޔެކިޔުންތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ދިފާއީ ވަކީލު ވަނީ ލިޔެކިޔުންތައް ހަމައަށް ލިބުމުން ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ. ގާޒީ ވަނީ ދެން ބޭއްވޭ އަޑުއެހުމަށް ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެގެން، ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާފަ އެވެ.

ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ މަސްލަހަތު އޮތް ކުންފުންޏެކެވެ، ނަމަވެސް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަދި އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް އާއި ހުސައިން ސާލިމް މުހައްމަދު ކިޔާ ބޭފުޅެކެވެ.

ހަމަ މި މައްސަލައިގައި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނަވަނީީ ސަން ސިޔާމް އެވެ.

ދައުލަތުން އުފުލި ދައުވާގައި މައިގަނޑުގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!