ކަސްޓަމްސް ތިނަދޫ އޮފީހުގައި މަސައްކަތްކުރާނީ ހުސް ދިވެހިން: ކަސްޓަމްސް

ތިނަދޫގައި ޤާއިމްކުރާ ކަސްޓަމްސްގެ އޮފީހުގެ މަސައްކަތަށް ނަގާނީ ހުސް ދިވެހިންކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓުޓިކޮރިންއާއި ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުން ފާހަގަކުރުމާއި ގދ.ތިނަދޫ ސަރަޙައްދީ ބަނދަރު ޤާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ތިނަދޫގައި ބޭއްވި ޙާއްސަ ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ ކަސްޓަމްސް ތިނަދޫ އޮފީހަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ. އަދި އެ އޮފީހުގެ މަސައްކަތަށް ނަގާނީ ހުސް ދިވެހިންކަމަށް އޭނާ ވިދާޅުވިއެވެ.

” މި ހަފްތާގެ ބުރާސްފަތި ނޫނީ ފެށޭ ހަފްތާގެ އާދީއްތަ ދުވަހު ކަސްޓަމަސް ތިނަދޫ އޮފީހަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިޢުލާންކުރާނަން، ތިނަދޫއަށް މުވައްޒަފުން ނަގާއިރު، ސީދާ ރައީސް ވިދާޅުވެފައިވަނީ، ސީދާ ތިނަދޫއިން ތިނަދޫ ކަސްޓަމްސްއަށް މުވައްޒަފުން ނެގުމަށް،” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ ތިނަދޫ އޮފީހަށް އިޢުލާންކޮށްގެން ނެގުމަށް ހަމަޖެހިފައިވަނީ އެ އޮފީހަށް ބޭނުންވާ 80 އިންސައްތަ މުވައްޒަފުންކަމަށެވެ. އަދި ބާކީ ވިހި އިންސައްތަ އަކީ ސީނިއާ މަޤާމްތަށް ކަމަށްވުމުން އެ މަޤާމްތަކަށް މުވައްޒަފުން ފޮނުވާނީ ކަސްޓަމްސްގައި މިހާރުވެސް މަސައްކަތްކުރަމުންދާ ތިނަދޫއަށް ނިސްބަތްވާ މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޓޮޓިކޮރިންއިން ތިނަދުއަށް އަންނަ ކާގޯ ބޯޓު ފުރަތަމަ އައްޑޫއަށް ގޮސް ކްލިއަރެންސް ހޯދުމުގެ ބަދަލުގައި ސީދާ ތިނަދޫގައި ބަނދަރުކޮށް ކިލިއަރެންސް ހޯދޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

” ކަސްޓަމްސްގެ އާއްމު ޤަވާއިދު ބުނާގޮތުން ރަސްމީ ބަނދަރެއް ނެތްތާކަށް ޑައިރެކްޓުކޮށް، ބޭރުން އަންނަ ބޯޓެއް ކޯލެއް ނުކުރެވޭނެ، އެހެންވީމާ މިވަގުތު ދެކުނުގައި އޮތް ރަސްމީ ބަނދަރަކީ އައްޑޫ ބަނދަރުކަމަށްވާތީ ފުރަތަމަ ބޯޓު ރާއްޖެއަށް ވަނުމަށްފަހު އިންވާޑް ކްލިއަރެންސް ދޭން މި ޖެހެނީ އެ ބަނދަރަކުން،” ޝަރީފް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!