ބީއެމްއެލް އިސްލާމިކްއިން އެޑިޔުކޭޝަން ފައިނޭންސިންގ ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން އައު އެޑިޔުކޭޝަން ފައިނޭންސިންގް ފެސިލިޓީއެއް މިއަދު ތައާރަފު ކޮށްފިއެވެ.

ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން ޢިޖާރާގެ ދަށުން އެކުލަވާލެވިފައިވާ މި ފެސިލިޓީއަކީ ސެޓިފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓްއާ ހަމައަށް ދުނިޔޭގެ ކޮންމެ ތާކުންވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރެވުނު ފެސިލިޓީއެކެވެ.

އެޑިޔުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ޚަރަދުތައް ހިމަނައިގެން ޖުމްލަ ޚަރަދުގެ 75 އިންސައްތަ އާ ހަމައަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިސާ ދައްކާ ޚަލާސްކުރުމަށް އެންމެ ދިގުމުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވާއިރު މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 އިންސައްތައިގެ ރޭޓުގައެވެ. މި ފައިނޭންސިންގއަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ދަރިވަރުން ތައުލީމު ހާސިލްކުރުމަށްފަހުގައެވެ.

ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ޚަރަދުގެ 25 އިންސައްތަ ފައިނޭންސިންގއަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެއެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތައަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެއެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ އެޑިޔުކޭޝަން ފައިނޭންސިންގއަކީ އިސްލާމިކް ފައިނޭންސިންގ ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއްކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށްކަމަށް އޭނާ ވިދާޅުވިއެވެ.

އެޑިޔުކޭޝަން ފައިނޭންސިންގއަށް އެދި ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެއެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެއެވެ. ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެކަމަށް ބީއެމްްއެލްއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!