ޕާޓީއެއްގެ ތެރެއިން ސުޒޭން ޚާން ހައްޔަރުކުރި ކަމަށްބުނާ ވާހަކަ ދޮގުކޮށްފި

ހޯމަ ދުވަހުގެ ރޭ މުމްބާއީގެ އަނދޭރީގައި ހުރި ނައިޓްކްލަބެއްގެ ތެރެއިން، ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާން ހައްޔަރުކުރި ކަމަށްބުނާ ވާހަކަތައް ސުޒޭން ދޮގުކޮށްފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި، ސުޒޭން ހިމެނޭ ގޮތަށް ‘ޑްރެގަންފްލައި ކްލަބް’ އިން 34 މީހުން ހައްޔަރުކުރީ، މުމްބާއީ ފުލުހުން އެތަން ރެއިޑްކުރި އިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ޚިލާފުވެފައި ވާތީއެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ގުރޫ ރަންދަވާ އާއި ކްރިކެޓް ކުޅުންތެރިޔާ ސުރޭޝް ރައިނާ ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ފަހުން ސުޒޭން އާންމުކުރި ބަޔާނެއްގައި ވަނީ އެ ތުހުމަތު ދޮގުކޮށް، ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. 42 އަހަރުގެ އިންޓީރިއާ ޑިޒައިނަރު އިންސްޓަގްރާމްގައި ހިއްސާކުރި ގޮތުގައި، ހޯމަ ދުވަހުގެ ރޭ އޭނާ ފުރަތަމަ ދިޔައީ ރައްޓެއްސެއްގެ އުފަންދުވަސް ފާހަގަކުރާށެވެ. އަދި އެތާ ތިބި ބައެއް މީހުންނާއެކީ ފަހުން ޑްރެގަންފްލައި ކްލަބަށް ދިޔައީ ކަމަށްބުންޏެވެ. އެތާ ތިއްބައި ދަންވަރު 2:30 ހާއިރު ފުލުހުން އައިސް، އެތަނުގެ މެނޭޖްމެންޓާ ސުވާލުކުރަން 3 ގަޑިއިރު ތިބި ކަމަށާއި، އެވަގުތުގައި އެތާ ތިބި އެންމެން އެތެރޭގައި މަޑުކުރަން އެންގި ކަމަށް ބުންޏެވެ. “އަހަރެމެންނަށް ދެވޭ ވަރުވީ 6 ޖެހިފަހުން”، ސުޒޭން ކިޔައިދިނެވެ.

ސުޒޭން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ދޮގު ޚަބަރު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރަމުންދާ ކަމެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ސުޒޭން ބުނީ 3 ގަޑިއިރު ވަންދެން އެމީހުން އެތާނގައި މަޑުކުރުވި ސަބަބު ސާފުނުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!