(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
ހަގީގަތުގައި ރަޝްފާއަކަށް އެއްކަމެއް ވެސް ނުވެއެވެ. އެހެންނަމަވެސް ނަޒީފުގާތު މިކަހަލަ ގޮތަކަށް ވާހަކަ ނުދައްކާ ވާންނެތުމުން ދޮގުހަދަން އޭނާއަށް މަޖުބޫރުވީއެވެ. މިވަރަކުން ވެސް ރަޝްފާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. މިހާރު ނަޒީފު އުފަލުން ފުރިފައި ހުރުމުގެ ސަބަބުން ސުވާލެއް އުފެދޭވަރަށް ސިކުނޑި މަސައްކަތް ނުކުރި ނަމަވެސް، އޭނާއަށް ވިހުނު ގޮތަކާއި، ވިހުމުގެ އެއްވެސް އަސަރެއް ފެންނާން ނެތުމުން، އެކަމާ އަދި ނަޒީފު ސުވާލުކުރާނޭކަން ޔަޤީނެވެ. އެ ފަދަ ވަގުތަކު ދޭނީ ކޮން ޖަވާބެއް ބާވައެވެ؟
“އާޝިޔާ ދައްތައާ ވާހަކަދައްކައިގެން ދިވެހިބޭސް ކޮށްލަނިކޮށް އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ. އަހަރެން އަންނާނަން ސައިތައްޓެއް ހިފައިގެން. އަލިވިލުނީމާ އާޝިޔާދައްތަ ބަލައިދާނީ.” ނަޒީފު ކޮޓަރިން ނުކުމެއްޖެއެވެ.
ކުއްލިއަކަށް ރަޝްފާގެ ކުރިމަތިން ފެނުނީ ކަޅު ހިޔަންޏެއްގެ ސިފައިގައި ހުރި އެއްޗެކެވެ. ނަޒީފު ދާއިރަށް މި އެއްޗަކު ފައިދާވާނޭކަން ރަޝްފާއަށް އެނގެއެވެ. ރަޝްފާ އޮތީ އެ ކަމަށް ތައްޔާރުވެގެންނެވެ.
“މި އޮތީ ކަލޭގެ ދަރިފުޅު! މީނާ ގެންދޭ! އަހަރެންގެ އަތުން މަރުވި ކުއްޖާގެ ބަދަލުގައި މި އޮތީ ކުއްޖަކު ހޯދައި ދެވިފައި. އަހަރެންގެ ދިރިއުޅުމުން ދެން ދުރަށްދޭ!” ރަޝްފާގެ އަޑުގައި ހުރީ ނުރުހުމުގެ އަސަރެވެ.
“މިހާރުވެސް ކަލޭ ހާސްވެ ކަންބޮޑުވެގެން ތި އުޅެނީ ކަލޭގެ ފިރިމީހާއަށް މި ކަންތައްގަނޑު އެނގިދާނެތީ. މި ކުއްޖާ އަހަންނަށް ގެންދެވިދާނެ. އެކަމަކު އޭގެފަހުން ދެން ވާނޭގޮތަކާމެދު ވިސްނާލަބަލަ! ކޮންމެ މީހަކު ވެސް ހީކުރާނީ ކަލޭ ދަރިފުޅު ވިހާފައި މަރާލީކަމަށް. އެ ފަދަ ނަމެއް ބޮލުގައި އެޅިގެންދާއިރު، ކަލޭގެ ފިރިމީހާ ވެސް ކަލޭ ވަރިކޮށްލާނެ. ކަލެއަށް އިންނަން ޖެހޭނީ ކުށްވެރިއަކަށްވެގެން ޖަލުގައި.”
“ކޮންމެ ގޮތެއްވިޔަސް ހެޔޮ! މި ކުއްޖާ ގެންދޭ! އަހަރެން މި ކުއްޖާއެއް ނުބަލާނަން! މި ކުއްޖާ އަހަރެންގެ ދިރިއުޅުމަށް ވިހަލާނެ.” ރަޝްފާގެ އަޑުގައިހުރީ ހަރުކަށިކަމެވެ.
“ވިހަ ނޫން އެހެންއެއްޗެއް ލިޔަސް، މަށަށް ކީއް! މި ކުއްޖާ ގެންގުޅެން ޖެހޭނީ ހަމަ ކަލޭ! ކަލޭ މި ކުއްޖާދެކެ ލޯބިނުވާނެކަން ވެސް މަށަށް އެނގޭ. އެކަމަކުވެސް ޖެހޭނީ ގެންގުޅެން. ލޯބި ވެސް ޖެހޭނީވާން.”
“ނުވާނެ! އަހަންނަކީ ކަލޭ ތި ހީކުރާ ކަހަލަ މީހެއް ނޫން!” ރަޝްފާއަށް ތެޅިގަނެވުނެވެ.
“މައްސަލައެއް ނެތް! އަހަރެން މި ކުއްޖާ ގެންގޮސްފާނަން! އެކަމަކު ފަހުން ކަލޭ ކުރަންޖެހޭ ހިތާމަ މާބޮޑުވާނެ! ކަލޭގެ މި ދަރިފުޅު ނިކުންނާނީ ކަލެއަށް ހުރި ނުރައްކަލެއްގެ ގޮތުގައި! އެ ކަން ހަނދާންކުރާތި! އެހެންނަމަވެސް އެ ގޮތަށް އެކަންވާކަށް އަހަރެން ނޭދެން.”
“ކަލޭ ތީ މަށަށް ހެޔޮއެދޭ މީހެއް ނަމަ، މި ކަހަލަ ދުވަސްތަކަކާ އަހަންނަށް ކުރިމަތިލާކަށް ނުޖެއްސީސް! ކޮންމެ ގޮތެއްވިޔަސް މާދަމާއަކީ ހުރިހާ ކަމެއް ބޭޒާރުވެ، އަހަރެން ފަޟީޙަތްވާނޭ ދުވަސް. މިރޭ ކަންތައްތައް ހިނގައި ދިޔަގޮތާ މެދު ނަޒީފު މާދަމާ ސުވާލުކުރާނެ. އަހަރެން ދޭނީ ކޮންޖަވާބެއް؟” ރަޝްފާއަށް ރޮވޭން ފަށައިފިއެވެ.
“ރުއިމަކުން ކުރާނެ ފައިދާއެއް ނެތް! ފުރަތަމަ ކަލޭމެން އައިސް އަހަރެންގެ ދިރިއުޅުމަށް ވަދެގަތީ. އެ ވަރުން ނުވެގެން އަހަރެންގެ ދަރިފުޅު ވެސް މަރާލީ. އެހައި ހިސާބަށް ދިޔައީމާ ކެތްކުރެވޭނެތަ؟ މަޑުން ހުރެވޭނެތަ؟ މި ހުރިހާ ކަމެއް ހިނގައި ދިޔައިރު ވެސް، އެއްވެސް މީހަކަށް ޝައްކު ވެސް ނުވީތީ އުފާކުރަންޖެހޭނެ! މަށަށް ޝުކުރު ވެސް އަދާކުރަންޖެހޭނެ. މި ރޭ ވެސް މި ހުރިހައިކަމެއް މިހެން ހިނގައިދިޔަ އިރު ކަލޭ ފިރިމީހާ އެހެރީ ސުވާލެއް ވެސް ކޮށްލާން ނޭނގިފައެއްނު. ސަބަބެއް ނެތިއެއް ނޫނޭ އެހެންވަނީކީ. ދެންވެސް އަހަރެން ބުނާގޮތް ހަދައިފީއްޔާ ހަމަ ކަލެއަށް ރަނގަޅުވާނީ. ތި ގޮތަށް ރުޅިއައުމަކުން، ރުއިމަކުން އަހަރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ! އެކަން އެނގެއެއްނު!”
ރަޝްފާއަށް އަދިވެސް ރޮވެނީއެވެ. އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. އަނެއްކޮޅުން ނަޒީފު އަތުވެދާނެތީ ވެސް ކަންބޮޑުވެއެވެ.
“ކަލޭ މި ކުއްޖާ ގޮވައިގެން ރަނގަޅަށް އުޅެން އެއްބަސްވެއްޖެ ނަމަ، ހުރިހައި ކަމެއް ހަމަޖެހިދާނެ. އެކަމަކު ކަލޭމެން ބޭނުންވާ ނަމެއް މި ކުއްޖާއަކަށް ނުކިޔޭނެކަން ހަނދާންކުރާތި! މި ކުއްޖާއަށް ކިޔަންވާނީ އަހަރެން ބޭނުން ނަމެއް! އަހަރެން ބުނާ ނަމެއް! ކަލޭގެ ފިރިމީހާއަކަށް ނޭނގޭނެ. އޭނާ މި ކުއްޖާއާ މާ ގާތްކޮށްލައިގެން އެ އުޅެނީ، އޭނާއާ މި ކުއްޖާއާ ކޮންގުޅުމެއް އޮވެގެން؟”
“އެއީ ކަލެއަކާ ބެހޭކަމެއް ނޫން!” ނަޒީފާ ދިމާއަށް އެއްޗެހިކިޔަން ފެށުމުން ރަޝްފާއަކަށް މަޑަކުން ނޯވެވުނެވެ. “މި ކުއްޖާ އޮތީ އަހަރެންގެ ބަނޑުގައި. އަހަރެންގެ ފިރިމީހާއާ ބެހެވޭނެ! އަހަރެން މި ކުއްޖާ ގެންގުޅޭކަމަށް ވަންޏާ އެ ކަންވާނީ އެ ގޮތަށް. ދެން މި ތަނުންދޭ! ނަޒީފު އަތުވެދާނެ!” ތުރުތުރު އަޅަމުންދިޔަ އަޑަކުން ރަޝްފާ ވާހަކަ ދެއްކިއިރު، އޭނާއަށް ބެލެނީ ކޮޓަރި ދޮރާދިމާއަށެވެ.
ކުއްލިއަކަށް ރަޝްފާއަށް ފެނުނީ، އޭނާގާތުގައި އޮތް ދަރިފުޅު މައްޗަށް އަރަންފެށިތަނެވެ. އެއިރު އެ ކުއްޖާގެ ސިފައޮތީ މުޅިން ބަދަލުވެފައެވެ. މި މަންޒަރު ފެނުމާއެކު ރަޝްފާގެ ކަރުތެރެއިން ބިރުވެރި އަޑެއް ނުކުތެވެ. މާތްކަލާކޯއެވެ! އެހެރަ ޖަހާ ސިފައެކެވެ. ހީވަނީ މުޅިހަށިގަނޑު އެކީ އަނދާފައި އޮތްހެންނެވެ. ކަޅު އެންދެރިގަނޑެކޭ ތަފާތެއް ނެތެވެ. މުޅިގައިން ބޮޑެތި ފޮޅުތަކެއް ވެސް ނަގާފައި ހުއްޓެވެ. ހަތަރެސްފައިގެ ނިޔަފަތިތައް ދިގު ވަކިތަކެއްކަހަލައެވެ. އުޑަކު ބިމަކު ނުޖެހި އޮތްއިރު، އެ ކުއްޖާގެ ހަރަކާތްތަކުންނާއި ހެލުވޭ ހެލުވުންތަކުން އެނގެނީ، ކޮންމެވެސް މީހަކު އެ ކުއްޖާ އުރާލައިގެން އުޅޭކަމެވެ.
ރަޝްފާ އޮތީ ބިރުން ފިތްކަނޑައިގެންދާވަރު ވެފައެވެ. އޭނާގެ ފުރަތަމަ ދަރިފުޅުގެ ހަގީގީ ސިފަ ފެނުމުންނެވެ. މި ސިފައިގައި މި ދަރިފުޅު އެހެން މީހަކަށް ފެނިއްޖެ ނަމަ، އެ މީހަކު ބިރުން މޮޔަވާނެއެވެ.
“މި ކުއްޖާއަށް ކިޔަންވާނީ ނާޖީ!” އެއީ އެ އެތީގެ ބިރުވެރި އަޑެވެ. އޭރު ވެސް އެކުއްޖާ އޮތީ އެ ބިރުވެރި ސިފައިގައެވެ. ވައިގެ ތެރޭގައެވެ.
ކުއްލިއަކަށް ރަޝްފާގެ ކަންފަތުގައި ޖެހުނީ ކޮޓަރީގެ ދޮރުފަތް ހުޅުވުނު އަޑެވެ. ފެނުނީ ނަޒީފު ވަންތަނެވެ. އަތުގައި ކިރުތައްޓެއް ހުއްޓެވެ. ނަޒީފު ފެނުމާއެކު، ރަޝްފާއަށް ތެޅެގަނެވުނެވެ. އެ ކުއްޖާގެ އަސްލު ސިފަ ނަޒީފަށް މި ފަހަރު ފެންނާނެއެވެ. ހުރިހައި ކަމެއް ބޭޒާރުވެ ފަޟީޙަތްވާނެއެވެ. ހަދާނީ ކިހިނެއްބާވައެވެ؟
(ނުނިމޭ)