ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ނަޒީފުގެ މި ސުވާލަށް ރަޝްފާގެ މޭ އިހުނަށްވުރެ ވެސް ގަދަޔަށް ތަޅުވާލައިފިއެވެ. ނަޒީފަށް އަދި ދަރިފުޅު ނުފެންނަކަން އޭނާއަށް ޔަގީން ކުރެވުނެވެ. ރަޝްފާ އޮތީ ދަރިފުޅު އޮތް ދިމާއަށް ބަލައިލާން ވެސް ނުކެރިފައެވެ.

ނަޒީފު މަޑުމަޑުން ރަޝްފާގާތަށް އަންނާން ފަށައިފިއެވެ. ނަޒީފަށް ބެލެނީ ރަޝްފާގެ މޫނަށާއި ހަށިގަނޑަށެވެ. ރަޝްފާއަށް ބެލެނީ ނަޒީފުގެ މޫނަށެވެ. ދަރިފުޅު ފެނުމުން ނަޒީފަށް ވާނޭގޮތް މިހާރު ވެސް އޭނާއަށް ފެންނަކަހަލައެވެ. ރަޝްފާގެ ގައިން ހިއްލާންފެށި ދަލުން މުޅި ހަށިގަނޑު ފޯވެއްޖެއެވެ.  

ނަޒީފު އައިސް ރަޝްފާގެ ގާތަށް ހުއްޓިފައި، ކުއްލިއަކަށް އެއްޗެއް ފެނިގެން ބަލައިލާ ކަހަލަ ގޮތަކަށް، ރަޝްފާގެ ބިއްދޮށަށް ނަޒަރު ހުއްޓާލައިފިއެވެ. އަދި މަޑުމަޑުން އެ ދިމާއަށް ގުދުވާން ފަށައިފިއެވެ. ރަޝްފާ އޮތީ ކަޅިޖަހާނުލައި ނަޒީފުގެ މޫނަށް ބަލާށެވެ. އެހެންނަމަވެސް މިހާރު އޭނާއަށް އޮވެވެނީއެއް ނޫނެވެ.

“ސުބުހާނަﷲ! “

ނަޒީފުގެ އަޑާއެކު ރަޝްފާއަށް ތެޅިފޮޅިގެންފައި އަޑުގެކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އެ ވަގުތު ނަޒީފު ދިޔައީ ސިއްސައިގެންނެވެ.

“ކިހިނެއްވީ؟” ލިބުނު ކުއްލި ސިހުމާއެކު ރަޝްފާގެ މޫނަށް ނަޒީފަށް ބަލައިލެވުނެވެ. އޭރު އޭނާ އޮތީ ދެ ލޯ މަރައި ފިއްތައިގެންނެވެ. ހަށިގަނޑު ހީވަނީ މަރަށް ތެޅެމުން ދާ ރޯ މަހެއް ހެއްހެންނެވެ.

“ނިކަން ބަލައިލަބަލަ މި އޮތް ލޯބިލޯބި ކުއްޖެއް. ހީވަނީ ހަމަ ރަޝްފާހެން.” އެނދުމަތީގައި އޮތް ތުއްތުއްތު ދަރިފުޅާ ދިމާއަށް ނަޒީފަށް ބަލައިލެވުނެވެ.

ނަޒީފުގެ މިވޖުމުލައިން ރަޝްފާގެ ހިތަށް ހަމަޖެހުމެއް ލިބުނުހެން ހީވިއެވެ. ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް މާ ބޮޑު ބަދަލެއް ނައި ނަމަވެސް ވެހެވެ.

ނަޒީފު ވަރަށް ލޯތްބާއެކު ދަރިފުޅު ނަގައި އުރާލައިފިއެވެ. ލޯބިކޮށްލުމަށްފަހު ރަޝްފާގެ މަގަތުގައި ބާއްވައިލިއެވެ. ރަޝްފާ ވަރަށް ހިތްވަރުކޮށްފައި، އެ ކުއްޖާއާ ދިމާއަށް ފުރަތަމަ ފަހަރަށް ބަލައިލިއެވެ. ޙަޤީޤަތުގައި ވެސް އެއީ ވަރަށް ލޯބި ކުއްޖެކެވެ. ހީވަނީ ދެ މަހެއްހައި ދުވަސް ވެފައި އޮތް ކުއްޖެއް ހެންނެވެ. އެހެންނަމަވެސް އެ ރީތިކަމުގެ ތެރެއިން، ބިރުވެރިކަމާއި ނާމާންކަމުން ފުރިފައިވާ ސޫރައެއް މިހާރު ވެސް އޭނާއަށް ފެންނަ ކަހަލައެވެ.

“ރަޝްފާ! މި ކުއްޖާގެ ގައިގައި ކިނދުގެ އަސަރެއް ވެސް ނެތްދޯ! ހީވަނީ މީހަކު ފެންވަރުވައި ރީތިކޮށްލާފައި އޮތް ކުއްޖެއްހެން. ރަޝްފާ ވެސް ހިޔެއްނުވޭ ވިހައިގެން އޮތް މީހެއްހެނެއް!” ރަޝްފާ އޮތީ ބިރުންނެވެ. ކަންބޮޑުވެފައެވެ. ހުރިހައި ކަމެއް މި ރޭ ބޭޒާރުވާނޭކަމަށް އޭނާގެ ހިތް ބުނާން ފަށައިފިއެވެ.

“ރަޝްފާ! މީސްމީހުންގާތު މި ވާހަކަ ނުދައްކައްޗޭ! އިރާދަކުރެއްވިއްޔާ މި ދަރިފުޅު ވާނީ އަހަރެމެންގެ ނަޞީބަށް. އާޝިޔާ ދައްތައަށް ވެސް ގޮވައިގޮވައި ނުހޭލެވުނު. މި ކަން މީހަކަށް ނޭނގެންވެގެން ކަންނޭނގެ އެހެން އެ ވީ ވެސް. އިރާދަކުރެއްވީތީ މިހާރު މި އޮތީ ހުރިހާކަމެއް ހަމަޖެހިފައި. އަހަރެން ބޭނުންވަނީ ވެސް އަންހެންކުއްޖެއް. މި ލިބުނީ ވެސް ލޯބިލޯބި އަންހެންކުއްޖެއް.” އުފާވެފައި ހުރިވަރުން ނަޒީފަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގޭ ކަހަލައެވެ.

ނަޒީފު ހުރީ އުފަލުން ފުރިފައެވެ. އިރުއިރުކޮޅުން ދަރިފުޅު ނަގައެވެ. ފިރުމައިލާނެއެވެ. ލޯބިކޮށްލާނެއެވެ. ހީވަނީ އެހެން ކަމެއްހެންނެވެ. އެހެންނަމަވެސް ރަޝްފާގެ ހިތުގައި އުފާވެރިކަމުގެ ކުޑަވެސް އަސަރެއްނެތެވެ. ވާނީ ވެސް އެހެންތާއެވެ. ދަރިފުޅުގެ ޙަޤީޤަތް އެނގެނީ ރަޝްފާއަށެވެ. ނަޒީފަށް ވެސް އެނގޭނަމަ………..

“ކޮންނަމެއް މި މަންޖެއަށް ކިޔާނީ؟ މިހާ ލޯބިކުއްޖަކަށް ކިޔަންވާނީ ވެސް ލޯބި ނަމެއް.” ދަރިފުޅުގެ ކޮލުގައި ލޯބިކޮށްލަމުން ނަޒީފު ބުންޏެވެ.

“ނަމަކާ ދޭތެރޭ ނުވިސްނިފައެއް އަދި ނެތެއްނު” ރަޝްފާގެ ހިތެކޭ އެއްފަދައިން އޭނާގެ އަޑުގައި ވެސް ހުރީ ނުތަނަވަސްކަމެވެ.

“ރަނގަޅޭ! އެކަމަކު ރީތި ނަމެއް ހޯދަން ޖެހޭނެއެއްނު. ކޮންމެކޮންމެ ނަމެއް ކިޔައިގެން ކަމަކުނުދާނެ.” އެ ކުއްޖާއާ ހެދި ނަޒީފު އުޅޭ އުޅުން ފެނިފައި، ރަޝްފާ އޮތީ ހައިރާންވެފައެވެ. ކުދިންދެކެ އެހައި ވަރަށް ނަޒީފު ލޯބިވާނޭކަމަކަށް ރަޝްފާ ހިޔެއްނުކުރެއެވެ.                                                             

“ނަޒީފަށް ރީތިނަމެއް ހޯދާ!” ރަޝްފާ އަނެއްކާ ވެސް ލޯ މަރައިލިއެވެ.

“އަހަންނަށް ވަރަށް ރީތި ނަމެއް ބުނަންތަ؟”

“ހޫނ!” ލޯ ހުޅުވާލުމަށްފަހު، ނަޒީފުގެ މޫނަށް ރަޝްފާ ބަލައިލިއެވެ.

“ރައިހާ ރީއްޗެއް ނޫންތަ؟”

“ހުތުރެއް ނޫން!” މި ވާހަކަތަކަކާ ރަޝްފާ މާ ގަޔާވާހެނެއް ހިއެއްނުވެއެވެ.

“ރަޝްފާ އޮންނަ ގޮތުން ހީވަނީ ވަރަށް ބޮޑު ފިކުރެއްގައި އޮންނަހެން. މި ކަހަލަ އުފާވެރި ރެއަކު، ތިހެން އޮންނާކަށް ނުވާނެއެއްނު!” ރަޝްފާގެ މޫނުމަތީގައިވާ ނުތަނަވަސްކަމުގެ އަސަރުތައް ނަޒީފަށް ފާހަގަކުރެވުނެވެ.

“އަހަރެން ވެސް އުފާވޭ! އެކަމަކު….. ފާޑެއްގެ ގޮތެއްވާތީ…. މި އޮންނަނީ.”

“ކިހިނެއް ވަނީ އަނެއްކާ؟ ތަނަކަށް ތަދުވަނީތަ؟” ރަޝްފާއާ ދިމާއަށް ނަޒީފު ގުދުވެލިއެވެ.

“ތިހެން ބުނާއިރު ނަޒީފަށް ވެސް އެނގޭނެ އަހަރެން މި އޮތީ ވިހައިގެންކަން. ވިހެއުމަކީ ކުޑަކުޑަ ކަމެއްނޫނެއްނު! ބަނޑުގައި ވެސް ވަރަށްބޮޑަށް އެބަ ރިއްސާ.” ހަގީގަތުގައި ރަޝްފާއަކަށް އެއްކަމެއް ވެސް ނުވެއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!