ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ނަޒީފު ނިކުމެގެން ދިއުމާއެކު، ރަޝްފާގެ ހިތުގެ ބިރުވެރިކަން ބޮޑުވެގެން ދިޔައެވެ. ކަންތައް އެ ވަނީ ހުވަފެނުގައި ވީ ގޮތަށެވެ. ގެންފައިވާ ބިރެއްގެ ބޮޑުކަމުން، ބަނޑުގައި އަޅަމުން ދިޔަ ވޭން ވެސް އޭނާއަށް އިހްސާސް ކުރެވޭހެނެއް ހިއެއްނުވެއެވެ. އޭނާ އޮތީ ހިތާހިތުން ދުޢާކޮށްލަ ކޮށްލައެވެ. ހުވަފެނުން އެ ފެނުނު ފަދަ ބިރުވެރި، އަނިޔާވެރިގޮތެއް މެދުވެރި ނުކުރެއްވުމަށް އެދިއެވެ.

ނަޒީފު ދިޔަފަހުން ދިހަވަރަކަށް މިނެޓު ވެއްޖެއެވެ. އޭނާގެ ޚަބަރެއް ނުވެއެވެ. އިރުއިރުކޮޅުން ރަޝްފާއަށް ދޮރާ ދިމާއަށް ބަލައިލެވެއެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގައިލެވެއެވެ. ދެންމެދެންމެ ކޮންމެވެސް ކަންތައްގަނޑެއް ދިމާވެދާނޭހެން ހީވާކަހަލައެވެ.

ތިނެއްޖެހުމާ ދާދި ކައިރިވެފައި ވަނިކޮށް، ކޮޓަރިތެރޭން ވަރަށް ގަދައަށް ވިދާލައިފިއެވެ. ރަޝްފާ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ނަޒީފަށްވީގޮތެއް ނޭނގޭތީ، ރަޝްފާ އޮތީ ކަންބޮޑުވެފައެވެ. ހަދާނެގޮތެއް ނޭނގިފައެވެ.

އަނެއްކާވެސް ވިދާލައިފިއެވެ. މިފަހަރު ވިދާލީ މާ ގަދައަށެވެ. ހަމައެއާއެކު ރަޝްފާއާ ދާދިގާތުން ފެނުނީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕައެވެ. ހުތުރު ސިފައެއްގައި ހުރިތަނެވެ. އެ ވަގުތު ސިހުނުލެއް ބޮޑުކަމުން ރަޝްފާ ކޮންމެވެސް ވަރަކަށް ހަޅޭއް ވެސް ލަވައިގަނެވުނެވެ.

“އަހަރެންގެ ދަރިއަކު ވިއްސާކަށް ފޫޅުމަޔަކު ބޭނުމެއްނުވާނެ!”

ރަޝްފާގެ ކަންފަތުގައި މި ޖުމުލަ ޖެހުމާއެކު، އޭނާއަށް ވީގޮތް ވެސް ނޭނގުނެވެ.

“ކަލޭ……. އަހަރެންގެ ގައިގައި…….. އަތްނުލާތި!” ރަޝްފާއަށް ރޮއިގަނެވުނެވެ.

ކުއްލިއަކަށް ރަޝްފާގެ ބަނޑުގެ ވޭންވަރު ގަދަވެއްޖެއެވެ. އޮށޯވެ އޮތުމަށް ނުކުޅަދާނަ ވެއްޖެއެވެ. ހަމަ އެ ވަގުތު ފެނުނީ ރަޝްފާގެ ބަނޑުން އަލިފާން ރޮއްޖެއް މައްޗަށް އަރާންފެށިތަނެވެ. އަރަމުން ދިޔަވަރަކަށް، ރަސްފާގެ ފުފިފައިވާ ބަނޑު ދިޔައީ ހިނދެމުން ތިރިވަމުންނެވެ. ދެން ފެނުނީ އެ އަލިފާންރޮދި އަލިފާން ބޯޅައަކަށް ބަދަލުވީތަނެވެ. އެއަށްފަހު އެނބުރެމުން ކަހަލަ ގޮތަކަށް އައިސް ރަޝްފާގެ ބިތްދޮށަށް ތިރިވެއްޖެއެވެ. ރަޝްފާ އޮތީ ބިރުން ފިތްކަނޑައިގެންދާވަރުވެފައެވެ. ބިތްދޮށަށް ބަލައިލާން ވެސް ނުކެރިފައެވެ. އެއިރު އޭނާގެ މޭ ބާރުބާރަށް ތެޅެމުންދެއެވެ.

ކުޑަ ކުއްޖަކު އޭނާގާތުގައި އޮވެގެން އަތްފައި ހަލުވާ ހަރަކާތްކުރާކަން އެނގުމުން، ގެންފައިވާ ބިރު އަދި ވަކީން ބޮޑުވެއްޖެއެވެ. ގަޔަށް ފާޑެއްގެ ހީއްޔެއް ވެސް އަރާން ފަށައިފިއެވެ.

މި ގޮތުގައި މާ ގިނައިރުތަކެއް ނުވެ، ކޮޓަރީގެ ދޮރުފަތް ހުޅުވިއްޖެއެވެ. ހަމައެއާއެކު ފެނުނީ ނަޒީފެވެ. އޭނާގެ މޫނުމަތީގައިވާ ނުތަނަވަސްކަމުގެ ކުލަވަރު، ރަޝްފާ ފެނުމާއެކު، ހައިރާންކަމަށް ބަދަލުވެއްޖެއެވެ. ރަޝްފާގެ ބަނޑު ހިނދިފައި އޮތްތަން ފެނުމުންނެވެ.

ރަޝްފާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމުގެ ތެރެއަށް، އިތުރު ހާސްކަމަކާއި ނުތަވަސްކަމެއް ވެރިވެއްޖެއެވެ. އޭނާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭނާގާތުގައި އެއޮތް ކުއްޖާ ފެނުމުން، ނަޒީފަށް ވާނެގޮތް ނޭނގޭތީއެވެ. ރަޝްފާގެ ބޮޑުވެފައި ހުރި ދެ ލޯ އަމާޒުވެފައި ވަނީ ނަޒީފުގެ މޫނަށެވެ.

“ރަޝްފާ…..! ކި….. ކިހިނެއްވީ؟ އަނެއްކާ….. ވިހުނީތަ؟”

ނަޒީފުގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި، ރަޝްފާއަށް ފުރަތަމަ މަރާލެވުނީ ދެ ލޮލެވެ. އެއަށްފަހު ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް ބޯޖަހައިލެވުނެވެ.

“ކޮބާ…… ދަރިފުޅު؟” ނަޒީފު އަދިވެސް ހުރީ ހުއްޓުނު ފިޔަވަޅު މަތީގައެވެ.

ނަޒީފުގެ މި ސުވާލަށް ރަޝްފާގެ މޭ އިހުނަށްވުރެ ވެސް ގަދަޔަށް ތަޅުވާލައިފިއެވެ. ނަޒީފަށް އަދި ދަރިފުޅު ނުފެންނަކަން އޭނާއަށް ޔަގީން ކުރެވުނެވެ. ރަޝްފާ އޮތީ ދަރިފުޅު އޮތް ދިމާއަށް ބަލައިލާން ވެސް ނުކެރިފައެވެ.

ނަޒީފު މަޑުމަޑުން ރަޝްފާގާތަށް އަންނާން ފަށައިފިއެވެ. ނަޒީފަށް ބެލެނީ ރަޝްފާގެ މޫނަށާއި ހަށިގަނޑަށެވެ. ރަޝްފާއަށް ބެލެނީ ނަޒީފުގެ މޫނަށެވެ. ދަރިފުޅު ފެނުމުން ނަޒީފަށް ވާނޭގޮތް މިހާރު ވެސް އޭނާއަށް ފެންނަކަހަލައެވެ. ރަޝްފާގެ ގައިން ހިއްލާންފެށި ދަލުން މުޅި ހަށިގަނޑު ފޯވެއްޖެއެވެ.   ނަޒީފު އައިސް ރަޝްފާގެ ގާތަށް ހުއްޓިފައި، ކުއްލިއަކަށް އެއްޗެއް ފެނިގެން ބަލައިލާ ކަހަލަ ގޮތަކަށް، ރަޝްފާގެ ބިއްދޮށަށް ނަޒަރު ހުއްޓާލައިފިއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!