ކޯވިޑް-19 އައު ވައިރަސް އޮސްޓްރޭލިއާއިންވެސް ފެނިއްޖެ

އިނގިރޭސިވިލާތުން ފެނިފައިވާ ބަދަލު އައިސްފައިވާ ކޯވިޑް-19 އައު ވައިރަސް އޮސްޓްރޭލިއާއިންވެސް ފެނިއްޖެއެވެ.

އޮސްޓްރޭލިއާއިން ބުނީ އެ ޤައުމުގެ ނިއު ސައުތު ވޭލްސް ސްޓޭޓަށް އިނގިރޭސިވިލާތުން ދަތުރުކުރި ދެމީހުންގެ ގައިން ބަދަލު އައިސްފައިވާ ވައިރަސް ފެނިފައިވާކަމަށެވެ. އެ ދެ މީހުންވެސް މިވަގުތުދަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންކަމަށް އެ ޤައުމުން ބުނެއެވެ.އޮސްޓްރޭލިއާގެ ސިޑްނީގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވީ ނަމަވެސް ވައިރަހުގެ އައު ބާވަތާއި ގުޅުމެއް ނެތްކަމަށް އެ ޤައުމުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ވައިރަހުގެ އައު ވައްތަރެއް ފެތުރެމުންދާތީ އެ ޤައުމުގެ އަވަށްޓެރި ވިލާތުގެ ޤައުމުތަކުގެ އިތުރުން ގިނަ ޤައުމުތަކުންވަނީ ދަތުރުތައް މެދުކަނޑާލާފައެވެ. އޭގެތެރޭގައި ކެނެޑާ، އީރާނު އަދި ހޮންގުކޮންގުވެސް ހިމެނެއެވެ. ޗައިނާއިންވަނީ އިނގިރޭސިވިލާތުން އެ ޤައުމަށް ދަތުރުކުރާ މީހުން އެހެން މީހުންނާއި ތަފާތުކޮށް ކަރަންޓީނުގައި ތިން ހަފުތާ ފުރިހަމަކުރަންޖެހޭނެކަން އަންގާފައެވެ.

އޭޝިޔާގެ ބައެއް ޤައުމުތަކުންވެސް އަންނަނީ އިނގިރޭސިވިލާތަށް ދަތުރުތައް ހުއްޓާނުލިނަމަވެސް އެ ޤައުމުން އަންނަ މީހުންނަށް ކަރަންޓީނުގެ ބައެއް އުސޫލުތައް ބަދަލުކުރަމުންނެވެ. މިގޮތުން ދެކުނު ކޮރެއާއިން ބުނީ އިނގިރޭސިވިލާތުން އަންނަ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ކޯވިޑަށް ދެ ފަހަރަށް ތަހުލީލުކުރާނެކަމަށެވެ. މި އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތުން އިންޑިޔާއަށް ކުރާ ހުރިހާ ވައިގެ ދަތުރުތައް މެދުކަނޑާލުމަށް އެޤައުމުން ވަނީ ނިންމާފައެވެ.

ވައިރަހުގެ އައު ވައްތަރާއިގުޅޭ މާ ބޮޑު މަޢުލޫމާތެއް މިހާތަނަށް އެއްކުރެވިފައި ނުވި ނަމަވެސް ބައްޔާއި ދެކޮޅަށް މިހާރު ތައްޔާރުކޮށްފައިވާ ވެކްސިންތަކަށް ވައިރަސް ގުޑާނެކަމަށް ބެލެވޭކަމަށް މާހިރުން ޤަބޫލުކުރެއެވެ.

އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު، ކްރިސް ވައިޓީ ވިދާޅުވީ އިނގިރޭސިވިލާތުގައި މިދުވަސްވަރު ފެތުރެމުންދަނީ ބަދަލުތަކެއް އައިސްފައިވާ ވައިރަހުގެ ވައްތަރެއްކަމަށާއި އެ ވައިރަސް ފެތުރޭ މިންވަރު ކުރިން ފެތުރެމުންދިޔަ ވައްތަރަށްވުރެ ހަލުވިކަމަށެވެ.

ސައިންސްވެރިން ބެލި ބެލުމުން ބަދަލު އައިސްފައިވާ ވައިރަހުގެ ބާވަތް ފެތުރޭ މިންވަރު 70 އިންސައްތަ އިތުރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!