ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިއްޖެ

ވ. ރަކީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ގޮނޑުދޮށް ސަރަޙައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 08 ޖޫން 2020 ގައި ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 156 މީޓަރ ބޭރު ތޮށި ހެދުމާއި، 74 މީޓަރ ރިވެޓްމަންޓް ޖެހުމާއި، 16 މީޓަރ އެއްގަމު ތޮށި ހެދުމާއި، 08 މޫރިން ބޮއެ ލުމާއި، 08 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި، ބަނދަރުގެ އެއްގަމު ތޮށީގައި 5 މީޓަރ ފުޅާމިނުގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރާއި ނެރު ފުންކުރުން ހިމެނެއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ޙަވާލު ކުރި މި މަޝްރޫއަށް 18.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ތިން ސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވ. ރަކީދޫގައި އަރާ ފޭބުމަށް ހެދިގެންދާ ބަނދަރަކީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެ ރަށުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!