ހަރްމަން ބަވޭޖާ މިހާރު ހުންނަ ގޮތް ފެނިފަ ހައިރާންވާނެ!

2008 ވަނަ އަހަރު ނުކުތް “ލަވް ސްޓޯރީ 2050” އިން ބޮލީވުޑަށް ތަޢާރަފްވެ، ގިނަ އަންހެން ކުދިންތަކެއްގެ ހިތުން ޖާގަ ހޯދި ހަރްމަން، އޭނާގެ ލޯބިވެރިޔާ ސާޝާ ރާމްޗަންދަނީ އާ އެންގޭޖު ވެއްޖެއެވެ. އަދި އޭނާ މިހާރު ހުންނަ ގޮތުގެ ފޮޓޯއަކަށް މީޑިއާތަކުގެ ސަމާލުކަން ވަނީ ލިބިފައެވެ.

ހަރްމަން، 40، އަކީ އޭނާގެ ކެރިއަރުގެ ފުރަތަމަކޮޅު ވަރަށް އުއްމީދީ އެކްޓަރެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަތް މީހެކެވެ. އަދި އޭނާއާއި މަޝްހޫރު އެކްޓަރު ރިތިކް ރޯޝަނާ ވައްތަރުކަމަށް ބުނެ އޭނާގެ ސިފައަށް ތަޢުރީފު ލިބިފައިވެއެވެ. ނަމަވެސް ފަހުގެ ފޮޓޯތަކުން ފެންނަނީ ހަރްމަންގެ ސިފަ މުޅިން ބަދަލުވެފައި ވާތަނެވެ. އެގޮތުން، ކުރިން ކަސްރަތީ ހަށިގަނޑެއް ދެމެހެއްޓި އެކްޓަރު މިހާރު ހުރީ ވަރަށް ބޮޑަށް ފަލަވެފައެވެ. ހަމައެހެންމެ، ބޯ ތުނބުޅިއަށް ލާފައި ހުރިއިރު، ތުނބުޅީގެ ނުރަޖަހާފައި ހުރުމުން ހީވަނީ ވަރަށް އުމުރުން ދުވަސްވެފައި ހުރިހެނެވެ.

ހަރްމަން ކުޅުނު 3 ފިލްމު ބޮކްސް އޮފީހުގައި ޖެހިޖެހިގެން ނާކާމިޔާބު ވުމުން އޭނާ ވަނީ ފަހުން ފިލްމީ ދާއިރާއިން ގެއްލިފައެވެ. ނަމަވެސް 2014 ވަނަ އަހަރު “ޑިޝްކިޔާއޫން” އިން އެނބުރިއައިސް، ފަހުން ވަނީ ފިލްމެއްގެ ސްކްރިޕްޓު ލިޔެފައެވެ. ހަރްމަން އެކްޓު ކޮށްފައިވާ “އިޓްސް މައި ލައިފް” ކިޔާ ފިލްމެއްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެ ފިލްމު ރިލީޒް ކުރާނެ ތާރީޚެއް ނުވަތަ ފިލްމާ ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމައެއް ނުވެއެވެ.

ސާޝާއާ އެންގޭޖުވިކަން ހަރްމަންގެ ދައްތަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރުމުން މަރުހަބާ ކިއީ މީހުންގެ ތެރޭގައި ބޮލީވުޑާ ގުޅުންހުރި ބައެއް ފަރާތްތައް ހިމެނެއެވެ. ފާހަގަކޮށްލެވޭ ކަމަކީ، ހަރްމަން ވަނީ ބޮލީވުޑްގައި މަސައްކަތްކުރި ދުވަސްވަރު ބަތަލާ ބިޕާޝާ ބާސޫއާ ލޯބީގެ ގުޅުމެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން އެދެމީހުން ވަނީ ރުޅިވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!