މިފަހަރު ދޫކޮށްލީ ކޫލީ ނަންބަރު 1 ގެ މިރްޗީ ލަގީ!

1995 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ރޮމެންޓިކް ކޮމެޑީ ފިލްމު “ކޫލީ ނަންބަރު 1” ގެ ރިމޭކް ރިލީޒްކުރަން ތައްޔާރުވެފައި ވަނިކޮށް، އެ ފިލްމުގެ އާ ލަވައެއް ދޫކޮށްލައިފިއެވެ.

އާދިއްތަ ދުވަހު ޔޫޓިއުބަށް ދޫކޮށްލި ލަވައަކީ އެ ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ މަޤުބޫލު އެއް ލަވަ ކަމަށްވާ “މިރްޗީ ލަގީ ތޯ” އެވެ. މިއީ ކަރިޝްމާއާއި ގޯވިންދާގެ ފިލްމީ ކެރިއަރުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ “ކްލެސިކް” ލަވައެކެވެ. މިފަހަރު މި ލަވައަށް ނަށާފައި ވަނީ “ކޫލީ ނަންބަރު 1” ގެ ރިމޭކުގައި ލީޑު ރޯލު ކުޅޭ ޒުވާން އެކްޓަރުން ކަމަށްވާ ވަރުން ދާވަން އާއި ސާރާ އަލީ ޚާނެވެ.

މި ލަވަ ކިޔާފައިވަނީ މީގެ އޮރިޖިނަލް ލަވަ ވެސް ކިޔައިދީފައިވާ ކުމާރް ސާނޫ އާއި އަލްކާ ޔަގްނިކް އެވެ. ނަމަވެސް މިއުޒިކަށް ވަނީ ޒަމާނީ ބަދަލުތަކެއް ކޮންމެވެސް ވަރަކަށް ގެނެސްފައެވެ. މިހާނަތަށް އާންމުކުރި މި ފިލްމުގެ އެހެން ލަވަތަކަށް ވެސް ލިބިފައިވާ ފާޑުކިޔުންތައް މި ލަވައަށް ވެސް ލިބިފައިވެއެވެ. އެގޮތުން ކޮމެންޓު ބައިގައި ގިނަ ބަޔަކު ވަނީ ގޯވިންދާއާއި ކަރިޝްމާގެ ހުށަހެޅުމާއި، ސާރާއާއި ވަރުންގެ ހުށަހެޅުމާ އަޅާކިޔާފައެވެ.

ޓިޕްސް އޮފިޝަލްގެ ޔޫޓިއުބް ޗެނަލުން ދޫކޮށްލި މި ލަވައަށް މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ޑޭވިޑް ދާވަންގެ “ކޫލީ ނަންބަރު 1” އެމެޒޯން ޕްރައިމްގައި ރިލީޒްކުރާނީ ޑިސެމްބަރު 25 ގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!