އެސްޑީއެފްސީގެ ލޯނަށް އެދި ހުށަހެޅުން ވަގުތީގޮތުން މެދުކަނޑާލަނީ

އެސްޑީއެފްސީން ދޫކުރަމުންދާ ލޯނުތަކަށް އެދި ހުށައެޅުން، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާނެކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އެސްޑީއެފްސީން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތް މެދުކަނޑާލަން ނިންމީ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ނިންމުމާއި، އެ ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަތުން މެދުކަނޑާލާނޭކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

އެސްޑީއެފްސީން ވިދާޅުވީ ލޯނަށް އެދި ހުށަހަޅާ ފޯމުތައް ދެން ބަލައިގަންނަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންކަމަށެވެ،

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އުފައްދާފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިއަހަރު 285 ފަރާތަކަށް ޖުމްލަ 395 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެސްޑީއެފްސީއިން ބުނެއެވެ. އެގޮތުން މިއަހަރު އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ވިޔަފާރިތަކާއި، ކޮމާޝަލް ވިޔަފާރިތަކަށެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން ވަނީ ލޯނު ދޫކޮށްފައެވެ. މީގެތެރެއިން މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުތަކެވެ. އަދި ކޯވިޑް 19ގެ ޙާލަތާއި ގުޅިގެން ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން “ކޯވިޑް-19 ވިޔަފާރި އެހީ”ގެ ގޮތުގައި 2173 ފަރާތަކަށް 376 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ވަނީ ދޫކޮށްފައެވެ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!