ޒިނޭ ސާބިތުކުރުމުގައި ޑީއެންއޭ ބޭނުންކުރެވޭ ގޮތްތައް ކިޔައިދީފި

ވަކި ޙާލަތްތަކެއްގައި ޒިނޭގެ ކުށް ސާބިތު ކުރުމުގައި ޑީއޮކްސީރައިބޯ ނިއުކްލެއިކް އެސިޑް (ޑީއެންއޭ) ބޭނުން ކުރެވިދާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ޙުކުމަކާ ގުޅުވައި ޝަމީމް ވަނީ، އޭނާގެބްލޮގްގައިއެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެ ބާވަތެއްގެ ޒިނޭ ޤާނޫނުލްއުޤޫބާތުގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ޝަރުއީ ޒިނޭ ސާބިތު ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކުން ކަމަށެވެ.

އެހެން ނަމަވެސް، ކުށް ސާބިތު ކުރުމުގެ މިންގަނޑު ދަށްކޮށް، ޤާނޫނީ ޒިނޭގެ ވާހަކަވެސް ޤާނޫނުލްއުޤޫބާތުގައި ބަޔާން ކޮށްފައިވާކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ޝަމީމް ވިދާޅުވީ، ހަމަހަމަކަމާއި އިންޞާފު ޤާއިމުކުރުމަށް ތަޢުޒީރީ އަދަބު ކަނޑައެޅޭ (އިސްލާމްދީނުގައި ޙައްދު ނުހުންނަ) އިތުރު ކުށް ޤާނޫނުގައި ލިޔެ، އަދަބު ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތްވެސް ހުއްދަ ކުރާ ކަމެއް ކަމަށެވެ. އެގޮތުން “ޤާނޫނީ ޒިނޭ” ގައި އެމީހަކު ކުށަށް އިންކާރު ކުރާ ޙާލަތްތަކުގައިވެސް އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުޞަތު ލިބިގެންދާކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، އޭގެ ތެރޭގައި ޑީއެންއޭ ފަދަ ހެކި ޤަރީނާ ހިމެނޭ ކަމަށެވެ.

ހައިކޯޓުގައި އިސްތިއުނާފު ކުރިއަށްދިޔަ މި މައްސަަލައަކީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ހިމެނޭ ފިރިހެންމީހާ ޒިނޭ ކުރިކަމަށް އިންކާރު ކުރި ނަމަވެސް އަންހެން މީހާ ވިހާފައިވާ ކުއްޖާގެ ޑީއެންއޭ އާއި ފިރިހެންމީހާގެ ޑީއެންއޭ ދިމާވެއެވެ. އެހެން ނަމަވެސް، އިސްލާމީ ޝަރީއަތުގައި ޑީއެންއޭއިން ޒިނޭގެ ކުށް ސާބިތު ނުވާނެކަމަށް ހައިކޯޓުން ނިންމި ނިންމުމާއެކު، މި މައުޟޫއާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ބަހުސް ކުރަމުންނެވެ.

ހައިކޯޓުން ނިންމި މައްސަލައަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށައެޅީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫން ކަމަށެވެ. އަދި ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރުމަށްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ނާދިރު ޙާލަތެއްގައި މެނުވީ ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތެއްވެސް ޕީޖީ އޮފީހުގެ މައްޗަށް ނޯންނަ ކަމަށެވެ.

ކަންމިހެން ހުރުމާއެކު ޑީއެންއޭއަކީ މި މައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތު ކުރުމަށް ބޭނުން ކުރެވޭނެ ހަރުދަނާ ޤަރީނާއެއްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ ގޮތަށް ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފު ކަމެއްނަމަ، ހައިކޯޓުގެ ޙުކުމުގައިވެސް އެކަން ފާހަގަ ކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ. އެއާއެކު، ހުރިހާވެސް ދެބަސްވުމެއް އުފެދިގެންދަނީ ޑީއެންއޭ ހުށައެޅި ސަބަބާމެދުކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ރޭޕް ކުރުމުގެ މައްސަލަ ސާބިތު ކުރުމަށްވެސް ޑީއެންއޭ ހެކި ހުށައަޅާ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތްތަކުގައިވެސް ޑީއެންއޭ ހެކި ކޯޓަށް ބަލައިގަތުމުގެ ނަތީޖާއަކީ، ރޭޕްކޮށްގެން ވިހާފައިވާ ކުއްޖާގެ ނަސަބު ސާބިތުވުމެއް ނޫންކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި އެކަން ކުރަނީ ހަމައެކަނި ފިރިހެން މީހާ ޒިނޭ ކުރިކަން ސާބިތު ކުރުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އިސްލާމީ ޝަރީއަތުގައި ޒިނޭ ސާބިތު ކުރުމަށް ހަތަރު ހެކިންގެ ހެކިބަސް ބޭނުންވެއެވެ. ނުވަތަ ޒިނޭ ކުރި މީހާގެ އަމިއްލަ އިއުތިރާފުންވެސް އެކަން ސާބިތު ކުރެވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!