އައްޑޫ ޕޮލިސް އެކެޑެމީއަށް ސީޕީ ހަމީދު ޒިޔާރާތްކުރައްވައިފި

އައްޑޫ ސިޓީގައި ހަދަމުން އަންނަ ޕޮލިސް އެކެޑެމީއަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ޒިޔާރާތް ކުރައްވައި، އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ހަދަމުން އަންނަ ޕޮލިސް އެކެޑެމީއަށް ކުރެއްވި ޒިޔާރާތުގައި އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ފުލުހުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އައްޑޫ ޕޮލިސް އެކެޑެމީގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހު ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

އައްޑޫ ޕޮލިސް އެކެޑެމީއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދަމުން އަންނަ ތަނެކެވެ. މި އެކެޑެމީގެ މަސައްކަތް ކުރަމުން އަންނަނީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުންނެވެ. އެ ކުންފުނިން އެތަނުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ.

މި އެކެޑެމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކުތަކާއި، ސިއްހީ ޚިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕޭޑާއި، ޓްރެއިނިންގ ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓްބޯޅަ ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކަކާއި، 340 މީހުންގެ އޮޑިޓޯރިއަމުގެ އިތުރުން 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސް ރޫމާއި ވަސީލަތްތައް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!