އިނގިރޭސި ވިލާތުގައި ކޯވިޑް 19 ގެ އައު ވައްތަރެއް ފެތުރެމުން ދާކަމަށް، އެގައުމުގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.
އިނގިރޭސިވިލާތުގައި މިހާރު ކޮވިޑް-19 ފެތުރުން މާބޮޑަށް އަވަސްވެފައިވާ ކަމަށާއި ވައިރަސް އަށް ބޮޑު ބަދަލެއް އައިސްފައިވާކަން އިނގިރޭސިވިލާތުން އިއުލާން ކުރުމުން ޔޫރަޕްގެ ގިނަ ގައުމުތަކުގެ ބޯޑަރު މިހާރު ވަނީ އިނގިރޭސިވިލާތުން އެގައުމުތަކަށް ދަތުރު ކުރާ މީހުންނަށް ބަންދު ކޮށްފައެވެ.
އެކަމާ ގުޅިގެން ރާއްޖޭން އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އިނގިރޭސިވިލާތުގައި މިހާރު ވަރަށް ބާރަށް ފެތުރެމުންދާ ކޮވިޑް-19 އިގެ އާ ވެރިއަންޓް، ގައިން ގަޔަށް ފެތުރުމުގެ ދުވެލި 70 ޕަސަންޓް އިތުރުކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައި އެވެ.
މި ބަލީގެ ވޭރިއަންޓް ކޮންޓްރޯލް ނުވާ މިންވަރަށް ފެތުރެމުންދާކަމަށް ޔޫކޭގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވިދާޅުވެފައިވާއިރު، ކޮވިޑުގެ އާ ވެރިއަންޓް ޑެންމާކް، އިޓަލީ އަދި ނެދާލަންޑަސް އިން ފެނިފައިވާ ކަމަށް އެ ގައުމު ތަކުން ވަނީ ބުނެފަ އެވެ.
އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ ކޮވިޑް-19 އަށް ބަދަލުތަކެއް އައުމުން މިހާތަނަށް އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް ބޯޑަރު ބަންދު ކުރި ގައުމުތަކުގެ ތެރޭގައި އޮސްޓްރިއާ، ޖަރުމަންވިލާތް، އިޓަލީވިލާތް، ނެދަލޭންޑްސް އަދި ބެލްޖިއަމް ވެސް ހިމެނެއެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރި މީހުންގެ ސަބަބުން ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާކަން ފާހަގަ ކުރެވިގެން އެގައުމުގެ ބޯޑަރު ވަނީ ހުރީ ބައިނަލްއަޤުވާމީ ދަތުރުވެރިންނަށް މިހާރު ބަންދުކޮށްފައެވެ.